ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ޚިދުމަތް ޅ. އަތޮޅުގައި ރަސްމީކޮށް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެ ކުންފުނީން ބުނީ މިއީ ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ، ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅުގައި ފަށާ ޚިދުމަތެއް ކަމަށެވެ.

އެމްޓީސީސީން ބުނީ ނޮވެމްބަރ 17 އިން 20 އަށް ކުރިޔަށްދާނީ ސްޕީޑް ފެރީތަކުގެ ޓެކްނިކަލް ދަތުރުތައް ކަމަށެވެ. ޓެކްނިކަލް ދަތުރުތައް ކުރާ މުއްދަތުގައި އެ ދަތުރުތައް ކުރާނީ ކަސްޓަމަރުން ނުލައެވެ. ނަމަވެސް ޓެކްނިކަލް ދަތުރުތަކަށްފަހު ނޮވެމްބަރު 21 އިން 27 އަށް އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކަސްޓަމަރުން އަރުވައިގެން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެ މުއްދަތުގައި ދަތުރުތައްކުރާނީ މުޅިން ހިލެއެވެ.

ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމެވެ. އޭގެ އިތުރުން ދަތުރުތަކާބެހޭ ގޮތުން ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުމަކީ ވެސް އެއް މަގުސަދު ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މުއްދަތުގައި ދަތުރުކުރެއްވުމަށް ޖާގަ ހޯއްދެވުމަށް ގުޅުއްވާނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކު ފެރީގެ ޚިދުމަތް ޒޯން 2 ގެ ޅ. އަތޮޅުގައި އަގުނަގައިގެން ފެށުމަށް ހަމަޖެހިފައިވަނީ 28 ނޮވެމްބަރ 2022 ވަނަ ދުވަހު ކަމަށް އެމްޓީސީން ބުންޏެވެ. ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލާނެއެވެ.

އެމްޓީސީސީން ބުނީ 24 ނޮވެމްބަރ 2022 ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުން ޓިކެޓް ގަތުމަށް ބޭނުން ކުރަންވާނީ އެ ކުންފުނިން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕެވެ. ކިޔުއާރް ޓިކެޓް ގަންނާނޭ ގޮތުގެ ވީޑިއޯ އާރް.ޓީ.އެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ޝާޢިޢު ކުރެވިފައިވާނެއެވެ. އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ރަސްމީކޮށް އަގުނަގައިގެން ޚިދުމަތް ދޭން ފެށުނުކަމުގައިވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ )އެންސްޕާ( ގައި ރަޖިސްޓްރީ ވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ. ޒޯން 2 ގެ ޅ.އަތޮޅުގެ އާރް.ޓީ.އެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، 2 އާރް.ޓީ.އެލް. ސްޕީޑް ފެރީ މެދުވެރިކޮށް 3 ރޫޓަކުން ލިބޭނެއެވެ.

އާރް.ޓީ.އެލް ޚިދުމަތް ކަސްޓަމަރުންނަށް ދެވެން ފެށުމާއެކު، އާރް.ޓީ.އެލް ފެރީ ޚިދުމަތުގެ ރޫޓް މެޕް އަދި ޝެޑިއުލް އާރް.ޓީ.އެލް ވެބްސައިޓް އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.