ޗާގޮސް މައްސަލަ ނުވަތަ ފޯޅަވަހީގެ މައްސަލާގައި ގޮތް ނިންމުމުގެ އިޚްތިޔާރު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ދީގެން ނުވާނޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ އެ މައްސަލާގައި ގޮތް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށެވެ. މިއީ ވަރަށް ހައްސާސް ގައުމީ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ވެރީން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލައި މި ކަމުގައި ރާއްޖެއަށް އޮތްގޮތެއް ދެނެގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ހަމައެކަނި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް މިކަން ނިންމުމުގެ އިޚްތިޔާރު އަޅުގަނޑުމެންދީގެ ނުވާނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދިވެހިރާއްޖެއަށް ނިސްބަތްވާ ތަނެއް އެހެން ބަޔަކަށް ދޫކޮށްލާކަށް އެއްވެސް ދިވެއްސަކު ނުރުހޭނޭ ކަމަށެވެ. އެންމެ ވެލިފުކެއް ވިޔަސް ބޭރުގެ ބަޔަކަށް ރާއްޖެއިން ދުލެއް ނުކުރާނޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.