ގަޑިއަކު ހަތްދިހަ ފަސް ކަރަންޓު މީޓަރު ޓެސްޓް ކުރެވޭ ބެންޗެއް ގާއިމްކޮށް ކަރަންޓު މީޓަރ ޓެސްޓްކުރުމުގެ ޒަމާނީ ޚިދުމަތް ފެނަކައިން މިއަދު ފަށައިފިއެވެ.

ފެނަކައިން ވިދާޅުވީ މިއީ އިންޓަރނޭޝަނަލް ސްޓެންޑަރޑްތަކަށް ފެތޭ މީޓަރ ޓެސްޓް ބެންޗެއް ކަމަށެވެ. އެ ބެންޗުގައި އެއްފަހަރާ 12 މީޓަރު ޓެސްޓް ކުރެވޭނޭ އެވެ. އެ ނިސްބަތުގައި ގަޑިއަކު 75 މީޓަރ ޓެސްޓްކޮށް ނިންމާލެވޭނޭ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިން މި ޚިދުމަތް ފެށުމުން އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. އެ ގޮތުން މީގެ ކުރިން މި ޚިދުމަތް ދެމުން އައި ހަމައެކަނި ކުންފުނި ސްޓެލްގެ މައްޗަށް ވެފައިވާ ބަރޯސާއަށް ނިމުމެއް އައިސް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަސޭހަކަމާއި އެކު ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ފެނަކަ ކުންފުނީގެ އެމްޑީ ސައީދު: ފޮޓޯ/ފެނަކަ

މި ޚިދުމަތް މިއަދު ފެނަކައިން މާލޭގައި އެކަނި ފެށިކަމަށްވިޔަސް ކުރިއަށްއޮތް ތަނުގައި ދެކުނާއި އުތުރުގައި މި ޚިދުމަތް ފަށާނޭ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމްދު ސައީދު މުހައްމަދު ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމަށް މިއަދު ފެނަކައިގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން މީގެ ކުރިން ހައެއްކަ ދުވަހުން ޓެސްޓް ކުރެވޭ މީޓަރ މަދު ގަޑިއިރެއްގެ ތެރޭގައި އަތަށް ލިބޭނޭ ކަމަށެވެ. އެގޮތުން ހެނުދުނު ހަވާލުކުރާ މީޓަރ ހަވީރު ލިބޭނޭ ކަމަށް އެނާ ވިދާޅުވިއެވެ. މި ޚިދުމަތަށް އެދި ހުށަހަޅަން ޖެހޭނީ ބަންދުނޫން ގަޑިތަކުގައެވެ. މި ޚިދުމަތުގެ ސަބަބުން އަލަށް ކަރަންޓުލާން ބޭނުންވާ ފަރާތްތަކަށް ވެސް ވަގުތު ސަލާމަތްވެގެންދާނެއެވެ.

ފެނަކައިން މި ޚިދުމަތް ދެނީ އަގުނަގައިގެންނެވެ. އަގަކީ 250 ރުފިޔާއި 500 ރުފިޔާއެވެ. މިއީ ސްޓެލްކޯއިން ވެސް މި ޚިދުމަތް ފޯރުކޮށްދޭ އަގެވެ.