މިއަދަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް 4 އަހަރު ފުރުނު ދުވަހެވެ. މިއަދާ ދިމާކޮށް ފެނަކަކޯޕަރޭޝަނުން ވަނީ ރައްޔިތުންނަށް ވަރަށްއަގުބޮޑު ހަދިޔާއެއް ދީފައެވެ.

ހަދިޔާއަކީ ކަރަންޓް ޚިދުމަތަށް އިންގިލާބީ ބަދަލެއް ގެނެސްދިން ހަދިޔާއެކެވެ. އެއީ އެންމެ ފަހުގެ ޒަމާނީ މީޓަރ ޓެސް ބެންޗެކެވެ. މިފަދަ ބެންޗެއް ތައާރަފް ކުރުމަށް ފެނަކައިން ވާހަކަ ދައްކަމުންދާތާ މިހާރު 8 އަހަރު ވެއްޖެއެވެ. އެހެންނަމަވެސް މިއަދި އެ ޚިދުމަތް ފެށުމުން އެކަމުގެ ހުރިހާ ޝަރަފަކާއި ރީތި ނަމެއް ލިބެނީ އެކުންފުނީގެ ހީވާގި ވިޝަނަރީ ލީޑަރު، މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދަށެވެ. ޗެއާމަނަށެވެ. އެކުންފުނީގެ މެނޭޖުމެންޓަށާއި އެންމެހާ މުވައްޒަފުންނަށެވެ.

ފެނަކައަކީ އަބަދުވެސް ރައްޔިތުންނާ ގާތަށް މިފަދަ ޚިދުމަތް ގެނެސްދޭން މަސައްކަތްކުރާ ކާމިޔާބު ކުންފުންޏެވެ. ޚާއްސަކޮށް މިހާރުގެ މެނޭޖުމަންޓުގައި މިކަން ދަނީ ގާތުން ފެންނަމުންނެވެ.

މި ޚިދުމަތް ފެށުމުން ރައްޔިތުން ކުރިން އުފުލަމުން ގެންދިޔަ ތަކުލީފުތަކަށް ނިމުން އައީއެވެ. އެއް ކުންފުންޏަކަށް ބަރޯސާވެފައިއޮތް އޮތުން ނިމުނީއެވެ. މި ޚިދުމަތަށް އެދެން ބޭނުންވާ ފަރާތްތަކުން ރަށްރަށުގައި ހުންނަ ފެނަކަ އޮފީސްތައް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

މި ބެންޗުން އެއްފަހަރާ 12 މީޓަރު ޓެސްޓް ކުރެވޭނެއެވެ. އިންޓަރނޭޝަނަލް ސްޓެންޑަރޑްތަކަށް ފެތޭ މީޓަރ ޓެސްޓް ބެންޗު އޮޕަރޭޓު ކުރާނީ އެކުންފުނީގެ ޓެކްނީޝަނުންނެވެ.

މި ޚިދުމަތް ފެށުމަށް މިއަދު ފެނަކައިގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މިއީ އަލަށްފެށި ޚިދުމަތަކަށްވިޔަސް އެކުންފުނީން މަސައްކަތް ކުރާނީ އެއްވެސް މައްސަލައެއް ދިމާނުވެ އަވަސް ޚިދުމަތެއް ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ކަމަށެވެ.