ދިވެހި ފުލުހުންގެ ވާޖިބު އަދާކުރުމުގައި ގާނޫނީގޮތުން ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ތެރެއިން ކަނޑައެޅޭ ޚާއްސަ ހާލަތްތަކުގައި ބޭނުންކުރާ ''ލެސް ލީތަލް'' ހަތިޔާރެއްގެ ގޮތުގައި ''ކޮންޑަކްޓިވް އެނާޖީ ޑިވައިސް'' ނުވަތަ ''ޓޭޒަރ ސެވަން'' ބޭނުންކުރުމާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ސެޝަނެއް ބާއްވައިިފިއެވެ.
މި ކަމާ ބެހޭގޮތުން މައުލޫމާތު ދިނުން އޮތީ އިސްކަންދަރު ބިލްޑިންގގައެވެ. އިއްޔެ ބޭއްވި މި ސެޝަންގައި، ޓޭޒަރ ސެވަން ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލުތަކާއި ބޭނުންކުރެވޭނެ ހާލަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ޑިވައިސް ބޭނުންކުރަން ނުޖެހޭ ހާލަތްތަކުގައި ބޭނުން ކޮށްފިނަމަ އަޅާނެ ފިޔަވަޅުތަކާއި އެ ޑިވައިސް ގެންގުޅުމުގައި ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކަށަވަރުކުރުމާ ގުޅޭގޮތުން ވެސް ވަނީ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން ޑީއެސްކަލޭޝަން އޮފް ފޯސް ނުވަތަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހަކު ކިޔަމަންތެރިކުރުވުމަށް ބޭނުންކުރާނެ ''ފޯސް އޮޕްޝަންތައް'' ނުވަތަ އުކުޅުތަކާއި އެ ހާލަތުގައި ޓޭޒަރ ސެވަން ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ވެސް ވަނީދީފައެވެ. ޓޭޒަރ ސެވަން އަކީ ބޮޑީ ވޯން ކެމެރާއާ އޮޓަމެޓިކުން ގުޅިފައި އިންނަ ޑިވައިސްއެކެވެ. އެހެންކަމުން ޓޭޒަރ ސެވަން ބޭނުންކުރާ މީހާ އެ ބޭނުންކުރާ ގޮތް އޮޓަމެޓިކުން ރެކޯޑުވަމުންދާނެއެވެ. މި ޑިވައިސް ބޭނުންކުރެވޭނީ ޓޭޒަރ ސެވަން ބޭނުންކުރުމަށް ތަމްރީނުކޮށްފައިވާ ފުލުހުންނަށް އެކަންނި ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތުން ޖަވާބުދާރީވާން ޖެހޭ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ނުވަތަ ސެޝަންގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މުވައްޒަފުންގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ބައިވެރިވި ކަމަށް ފުލުހުން ވިދާޅުވިއެވެ.