މި ސަރުކާރަށް 4 އަހަރު ފުރުނުއިރު އެ މުއްްދަތުގައި ދިވެހިފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިިން 3625 ފުލުހަކު ތަމްރީން ކޮށްފައިވާނޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލު އަދި މަސައްކަތުގެ ދާއިރާއިން ހުނަރާއި ތަމްރީނު ލިބިފައިވާ މުވައްޒަފުންނަށް ހެދުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ.
އެގޮތުން އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓާއި މިހާރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު (އައްޑޫގައި ހުންނަ) އިން ހިންގަމުންގެންދާ ޕްރޮގްރާމްތައް ހިމެނޭގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތަފާތު 134 ތަމްރީން ޕްރޮގްރާމް ހިންގާފައިވާނޭ ކަމަށް ވިދާޅުވިއެވެ. 3625 މުވައްޒަފުން ތަމްރީނު ކޮށްފައިވަނީ އެ 134 ޕްރޮގްރާމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. މި ތަމްރީނުތަކުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެޕްރޫވް ކުރެވިގެން ހިންގާ ކޯސްތަކުގެ އިތުރުން ސްކިލްސް ޑިވަލޮޕްމަންޓް ކޯސްތައް ހިމެނޭ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއު) އިން އެޕްރޫވް ކޮށްގެން ހިންގާފައިވާ ކޯސްތަކުގެ ތެރެއިން މާސްޓަރސް އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދެ ކޯސް ހިންގާފައިވެއެވެ. އެ ދެ ކޯހުން ވަނީ 37 ފުލުހަކު ތަމްރީނުކޮށްފައިވެއެވެ. ޑިޕްލޮމާއިން ކްރިމިނަލް އިންވެސްޓިގޭޝަން ދާއިރާއިން ނުވަ ކޯސް މިހާރުވެސްދަނީ ހިންގަމުންނެވެެ. އެ ކޯސްތަކުގައި 271 ފުލުހަކު ދަނީ ތަމްރީނުވަމުން ކަމަށް ސީޕީ ވިދާޅުވިއެވެ. ޑިޕްލޮމާއިން ފޮރެންސިކް އިންވެސްޓިގޭޝަންގެ ދާއިރާއިން 28 ފުލުހަކު ވަނީ 4 އަހަރު ތެރޭ ތަމްރީން ކޮށްފައެވެ. ޑިޕްލޮމާއިން ސެކިއުރިޓީ އެންޑް ރިސްކު މެނޭޖްމަންޓު ކޯހުގައި 27 ފުލުހަކު ދަނީ ތަމްރީނު ވަމުންނެވެ. ޑިޕްލޮމާއިން ލޯ އެންފޯސްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ކޯހުން 27 ފުލުހުންނާއި ޑިޕްލޮމާއިން ޕޮލިސިންގެ ދާއިރާއިން 23 ފުލުހަކު މިހާރު ވަނީ ތައުލީމު ހާސިލުކޮށްފައެވެ.
މީގެ އިތުރުން ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްގެ ތިން ޕްރޮގްރާމްގައި 71 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. އަދި ސެޓްފިކެޓް ލެވެލް 4 ގެ 4 ކޯހުން 339 ފުލުހުންނާއި ސެޓްފިކެޓް ލެވެލް 3 ގެ 5 ކޯހުން 110 ފުލުހުންނާއި ޕޮލިސް އިނީޝިއަލް ޓްރޭނިންގ ކޯހުން 191 ފުލުހުން ދަނީ ތަމްރީންވަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގާފައިވާ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދެ ބެޗު ހިންގައި 59 ފުލުހުން ތަމްރީންކޮށްފައިވެއެވެ. އިންސްޕެކްޓަރ ކޯހުން 50 ފުލުހުންނާއި ފަސްޓްލައިން ކޯހުގެ 9 ބެޗުން 278 ފުލުހުން ތަމްރީންކޮށްފައިވެއެވެ. އޭގެ އިތުރުން ކުރުމުއްދަތުގެ ޕްރޮގްރާމްތަކުގެ 94 ޕްރޮގްރާމްގައި 2114 ފުލުހުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މީގެ އިތުރުން އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ފުލުހުންނާ ގުޅުންހުރި ތަމްރީނުތަކާއި ތަހުގީގު ދާއިރާގެ އިތުރުން އެހެނިހެން ދާއިރާކުގެ ކޯސްތަކުގައިވެސް ފުލުހުން ބައިވެރިވެފައިވެއެވެ. އެވެ.