ކުޑަކުދިންކުރާ ކުށްތައް މަދުކުރުމަށް ފުލުހުންކުރާ މަސައްކަތުން، އެ ކުދިންނަކީ ކުށްތަކާ ދުރުވެ، މުޖުތަމައަށް ބޭނުންތެރި ދަރިންތަކަށްވެގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށް ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް ވިދާޅުވެއްޖެއެވެ.

މަންނާނު މިހެން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމުކުރި ފުރަތަމަ، ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު ފުވައްމުލައް ސިޓީގައި މިއަދު ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެ މަރުކަޒު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލިސްގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގަރިރު ޖީހާން މަޙްމޫދާއި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީގެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް ވިދާޅުވީ މީގެ އަށާވީސް އަހަރު ކުރިން މީހުން ބަންދުކުރާއިރު ކުޑައެއް ބޮޑެއް ތަފާތެއް ނުކުރާކަމަށެވެ. އޭރުގައި އަމަލު ކުރަމުންދިޔަ ގޮތްތަކާމެދު ވިސްނާލާއިރު ދަސްވެގެންދިޔަ ކަމަކީ މިއަދަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފިލާވަޅެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އޭރުގައި މީހަކު ކުށެއްކޮށްފިނަމަ އިންޒާރެއްދިނުމަށްފަހު އެ ކުށް ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ އަދި އެއީ ދައުވާ ކުރެވޭވަރުގެ މައްސަލައެއްނަމަ ދައުވާކުރުމަށް ޕީޖީގެ އޮފީހަށް ފޮނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ކަންތައްކޮށްގެން ދެވަނަ ފަހަރަށް ކުށްކޮށްގެން އަންނަ މިންވަރު މަދުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އޮތް ޖުވެނައިލް ޖަސްޓިސްއަށް ބަލާއިރު ކުއްޖަކު ދެވަނަ ފަހަރަށް ކުށެއްކޮށްގެން ގެނެވޭހިނދު އެކުއްޖަކު ބައިންދައިގެން ނަސޭހަތްދިނުމަށްފަހު ދެން ކަންކަން ކުރަންވީ ގޮތުގެ މައުލޫމާތު އެކުއްޖާގެ ބެލެނިވެރިޔާއަށް ހިއްސާކުރާކަމަށް ވެސް ޑީސީޕީ ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ ކުރީގައި މިގޮތަށް މިކަންކުރާނެ ބަޔަކު ނުތިބޭކަމަށް ވެސް ވިދާޅުވިއެވެ.

މި މަރުކަޒުގައި، ކުޑަކުދިންނަށް ޚާއްސަ އިންޑޯ އަދި އައުޓް ޑޯ ކުޅިވަރުތައް ކުޅެވޭނެ ތަނެެއް ގާއިމް ކޮށްފައިވެއެވެ. އަދި ލައިބްރަރީއަކާއި، ކްލާސްރޫމަކާއި ކޮމްޕިއުޓަރ ލެބެއް ވެސް ގާއިމުކޮށްފައިވެއެވެ.