ސެރަމް އިންސްޓިއުޓް އޮފް އިންޑިއާ އިން އުފައްދާ ކޮވިޑް19 ވެކްސިން އިންޑިއާ ސަރުކާރަށް ވިއްކުމަށް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ނިންމައިފިއެވެ. މިކަމާ ގުޅުން ހުރި ފަރާތްތަކާ ހަވާލާދީ މީޑިއާއިން ބުނެފައި ވަނީ ސެރަމް އިންސްޓިއުޓްގެ ވެކްސިން ވިއްކާނީ ދިވެހި 53 ރުފިޔާއާ އެއްވަރުގެ އަދަދަކަށެވެ.
އެސްޓްރާ ޒެނެކާއާ ގުޅިގެން އުފެއްދި ވެކްސިން ކުއްލި ހާލަތުގައި ބޭނުންކުރުމުގެ ހުއްދައަށް ސެރަމް އިންސްޓިއުޓް އޮފް އިންޑިއާއިން ވަނީ ހޯމަދުވަހު އެދިފައެވެ.
މީގެ ކުރިން މީޑިއާއާ ވާހަކަ ދައްކަވަމުން ސެރަމް އިންސްޓިއުޓްގެ ސީއީއޯ، އާދާރް ޕޫނާވާލާ ވިދާޅުވެފައި ވަނީ ވެކްސިންގެ އަގު ހުރީ ދިވެހި 200 ރުފިޔާއާ ގާތްކުރާ ވަރުގެ އަދަދެއްގައެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ގަނޑުކޮށް ގަންނާތީ ވަރަށް ބޮޑަށް އަގުހެޔޮކޮށްލީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕޫނާގެ ސެރަމް އިންސްޓިއުޓަކީ، ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު މަރުކަޒެވެ.
ޕޫނާވާލާ ވިދާޅުވީ ބޭރުގައުމުތަކަށް ވެކްސިން ފޮނުވުމުގެ ކުރިން އިންޑިއާ މީހުންނަށް ވެކްސިން ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އިންޑިއާގެ ތިން ވެކްސިންއެއް ވަނީ ފަހު މަރުހަލާގައެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން އިންތިޒާމުކޮށްގެން 60 ގައުމެއްގެ ސަފީރުން މާދަމާ ހައިދަރްއާބާދަށް ގެންގޮސްގެން އިންޑިއާއިން އުފައްދާ ވެކްސިންއާ ބެހޭ މަޢްލޫމާތު ދިނުން އޮންނާނެއެވެ.