އަޖުފާން އިންޓަރޭޝަނަލް ބެޑްމިންޓަން އެކަޑަމީގެ އައިބާ ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތް މި އަދު ފަށައިފިއެވެ.

ސްޓެލްކޯގެ ބެޑްމިންޓަން ހޯލްގައި މި އަދު ހެނދުނު ފެށި މި ބާރާތުގައި ޖުމުލަ 50 މެޗު މިއަދު ކުޅުނެވެ. އެއީ އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސް މެޗުތަކެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮތީ ސްޓެލްކޯގެ ބެޑްމިންޓަން ކޯޓްގައެވެ. ހަވީރު 4:00 ފެށިގެން ކުރި އަށް ދިޔަ މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނަރަލް ތަމޫހް ސައީދެވެ.

މި ރަސްމިއްޔާތުގައި އައިބާގެ ރައީސް މުހައްމަދު އަޖުފާން ވިދާޅުވީ، އެ އެޑަމީގެ އެންމެބޮޑު އެއް މަގްސަދަކީ ކުދިން ގެ ހިތުގައި މި ކުޅިވަރަށް އޮތް ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމެވެ. އެކަން ކުރެވޭނީ ވާދަވެރި މެޗްތަކެއް ކުޅެގެން ކަމަށް އޭނާ ވިދާޅުވިއެވެ. މި ފަދަ މުބާރާތެއް ބޭއްވެނީ ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންކަމަށް ވެސް ވިދާޅުވިއެވެ. ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށްޓަކައި އޭނާ އެންމެހާ ބެލެނިވެރީންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި މުބާރާތުގެ މެޗުތައް މާދަމާ ވެސް ކުރިއަށްދާނެއެވެ. މިި މުބާރާތުގެ ފައިނަލް މެޗްތައް އޮންނާނީ 3 ޑިސެމްބަރު ގައެވެ.