ހުނަރުވެރިން ތަމްރީނުކުރުމަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ މިއަދު ފަށައިފިއެވެ. މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ވަނީ އެތަނަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ސްޓޯލަތަކަށް ވަޑައިގެން އެތަންތަނުން ދެމުންގެންދާ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެ ދެކަނބަލުން ވަނީ އެވަގުތު އެކްސްޕޯގައި ތިބި ބައެއް ޒުވާނުނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯއަކީ ޒުވާނުންނަށް ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށާއި މުސްތަގްބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށްދެވެންހުރި މަގުތައް ރޭވުމަށް އެހީތެރިވުމުގެ ގޮތުން ދެދުވަހުގެ މުއްދަތައްް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މީގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ޚާއްސަކޮށް ޒުވާނުން މަތީ ތަޢުލީމާއި ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއިން ރާއްޖޭން ލިބެންހުރި ފުރުސަތުތަކުގެ މަޢުލޫމާތުތަކަށް އަހުލުވެރިކޮށް އެކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އުފައްދައި، ޓިވެޓުގެ ދާއިރާއިން ތަޢުލީމު ޙާސިލުކުރުމުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކަށް އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ހުނަރުވެރިން ތަމްރީނުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފުރުސަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުންވެސް މަގުސަދުގެ ތެރޭގައި ހިމެނެއެވެ.

މިއީ 16 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް ޚާއްސަކޮށްގެެން ހިންގާ ހަރަކާތެކެވެ. އެގޮތުން ގްރޭޑް 9،10،11،12 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި، ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކޮށް ސްކޫލް ނިންމާ ކުދިންނަށާއި، މަތީ ތަޢުލީމު ހާލުކުރަމުންނުދާ ކުދިންނަށް މި އެކްސްޕޯގެ ޒަރިއްޔާއިން ކުރިމަގު ބައްޓަންކުރުމަށް އެހީތެރިވެދޭނެއެވެ.

މި އެކްސްޕޯގައި 30 ސްޓޯލް ހިމެނެއެވެ. އަދި އެކްސްޕޯގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އިދާރާތަކާއި، ޓިވެޓް ސެންޓަރާއި، އެސް.އޯ.އީ ތަކާއި، ސަރުކާރުގެ އިދާރާތަކާއި، ބައެއް މިނިސްޓްރީތަކުންވެސް ބައިވެރިވިއެވެ. އަދި މި އެކްސްޕޯގައި ޕެނަލް ޑިސްކަޝަންތަކާއި، މެހެމާނުން ވާހަކަދެއްކުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.