އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސެކޮމް) ގެ މުވައްޒަފުންނަށް 2013 ވަނަ އަހަރު ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އޮތީ މަގާމުގެ ކުރިއެރުން ނުދީ ހުއްޓާލާފައި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީފީ މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އޭވްސެކޮމް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަަމުންނެވެ.

އެ މުއްދަތުގައި ވަޒީފާގެ ކުރިންއެރުން ނުދީ އޮތުމުން އެ ޚިދުމަތް ދިނުމުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭޭގެ ސަބަބުން މުވައްޒަފުންގެ މޮރާލްއަށާއި މޯޓީވޭޝަނަށް ނޭދެވޭ އަސަރުތައް ކުރިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަމުގެ ސަބަބުން ޚިިދުމަތް ދިނުމުގައި ދިމާވި މައްސަލަތަކުގެ ތަފްސީލަށް މިނިސްޓަރ ވަޑައެއް ނުގަންނަވައެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ސަރުކާރުގެ އެހެން މުވައްޒަފުން ފަދައިން އޭވްސެކޮމްގެ އޮފިސަރުންނަށްވެސް މަގާމުގެ ކުރިއެރުން ދީފައިވާނޭ ކަމަށެވެ. އެގޮތުން ޖުމްލަ 180 ޕްރޮމޯޝަން މިހާތަނަށް ދީފައިވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޚިދުމަތަކީ ސަލާމަތާ ގުޅުންހުރި ސީރިިއަސް ޚިދުމަތެއް ކަމަށެވެ. އެހެން ކަމުން މަގާމުގެ ކުރިއެރުން ދިނުމަށް ފުރަންޖެހޭ އިވެލުއޭޝަން ފޯމުވެސް ޒިންމާދާރުކަމާއެކު ފުރުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ. އެއީ ޒާތީ ކަންކަމާ ގުޅުވައިގެން ކުރަންޖެހޭ ކަމަކަށްވުރެ ސީރިއަސް ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާުވީ ކުރިއެރުމަކީ ގާބިލް ކަމަށް ބެލުމަށްފަހު ލިބެންޖެހޭ އެއްޗެއް ކަމަށެވެ.