އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގެ ގަވަރުނަރު ބަގަތު ސިންގ ކޯޝިޔާރީ އާ ދެކޮޅަށް ކޯޓުގެ ޙުރުމަތް ކަނޑާލި ކަމުގެ ޝަރީއަތް ހިންގުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އިންޑިއާގެ ސްޓޭޓްތަކުގެ ގަވަރުނަރުންނަކީ އިންޑިއާގެ ރައީސް އައްޔަން ކުރައްވާ ބޭފުޅުންނެވެ. އަދި މިއީ ސްޓޭޓްގައި ހުންނަވާ ރައީސްގެ މަންދޫބެވެ.

ކޯޝިޔާރީއާ ދެކޮޅަށް ކޮށްފައިވާ ދައުވާ އަކީ، އިންޑިއާގެ އުއްތުރަކާންދް ސްޓޭޓުގެ ޗީފް މިނިސްޓަރަކަށް ކޯޝިޔާރީ ހުންނެވިއިރު ސަރުކާރުގެ ވިއްލާއެއް ހެޔޮއަގުގައި ބޭނުން ކުރައްވައި ބާޒާރުގެ ރޭޓުން އެތަނަށް ދައްކަވަން ޖެހޭ ފައިސާ ދައްކަވާފައި ނުވާތީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާއެކެވެ.

އުއްތުރަކާންދްގެ ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ބާޒާރުގެ ރޭޓުން ކޯޝިޔާރީ މި ވިއްލާ ބޭނުން ކުރެއްވި މުއްދަތަށް ސަރުކާރަށް ފައިސާ ދެއްކެވުމަށެވެ.

2019ގެ މޭ މަހު ކޮށްފައިވާ ޙުކުމް އޭނާ ތަންފީޒުކުރައްވާފައި ނުވާތީ ކޯޓުގެ ޙުރުމަތް ކަނޑާލި ކަމުގެ ދައުވާ ހައިކޯޓުން އިސްވެ އޮވެގެން ފެށްޓީއެވެ. މިމައްސަލާގައި އިސްތިއުނާފްގެ ފުރުސަތު ބޭނުން ކަމަށް ވިދާޅުވެ އޭނާ ސުޕްރީމް ކޯޓަށް މައްސަލަ ވެއްދެވުމުން، ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗަކުން ނިންމެވީ ގަވަރުނަރާ ދެކޮޅަށް ކޯޓުގެ ޙުރުމަތް ކަނޑާލިކަމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި ޝަރީއަތުގެ ބެންޗްގައި އިސްވެ ހުންނަވަނީ ޖަސްޓިސް ރޮހިންޓަން ފައްލީ ނަރިމަން އެވެ. އޭނާއަކީ މިފަހަކަށް އައިސް ސުޕްރީމް ކޯޓުން އަންހެނުންގެ ހައްގުތަކާއި ފަރުދީ މިނިވަންކަމަށް ކޮށްފައިވާ ޙުކުމުތައް ލިޔުއްވި ފަނޑިޔާރެވެ.