ގަވާއިދާ ޚިލާފަށް ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަަޙައްދުން މަސްވެރިކަން ކުރަމުން ދަނިކޮށް އިއްޔެ އަތުލައިގަތް މަސްބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ފުޅުހުން ވިދާޅުވީ އެ މަސްބޯޓަކީ އަވަށްޓެރި ސްރީލަންކާގެ ބޯޓެއް ކަމަށެވެ. އެބޯޓުގައި ޖުމްލަ 5 މީހަކު ތިބި ކަމަށް ވެސް ވިދާޅުވިއެވެ.

މި ބޯޓު އަތުލައިގެންފައިވަނީ އިއްޔެ ހަވީރު 17:25 އެހައިކަންހާއިރު އެވެ. ބޯޓު އަތުލައިގަތީ ކ. ދިއްފުށީ އިރުން 35 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ސަރަހައްދުގައި އެބޯޓު ހަރަކާތްތެރިވަމުން ދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވަނީ "އަސަރީ" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

ފުލުހުން ވިދާޅުވީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާއެކު ކުރަމުންދާ ކަމަށެވެ.