އިދިކޮޅު ފަރާތްތަކުން ހީކުރީ ރަޝީޔާ-ޔޫކްރައިން ހަނގުރާމައާއެކު މި ސަރުކާރު ގެއަށް ވަންނާނޭ ކަމަށް ދިއްދޫދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްވަމުން އޭނާ ވިދާޅުވީ އެހެންނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެއަށްވުރެ ހިތްވަރު ގަދަކަމަށާއި، އެމަނިކުފާނު ގެންދެވީ ހަނގުރާމައިގެ ދަތި ދުވަސްވަރުގައިވެސް ރައްޔިތުންނަށް ކޮށްދެއްވަން ޖެހުނު ކޮންމެ ކަމެއް ކޮށްދެއްވައި ރައްޔިތުން ރައްކާތެރި ކޮށްދެއްވަމުން ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ މިގައުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދާނޭ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވެސް ވިދާޅުވިއެވެ.
ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަބްދުﷲ ވަހީދު ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރައްވާ އިދިކޮޅު މެމްބަރުން ބޭނުންވަނީ މިސަރުކާރުން ހުށަހަޅާ ބަޖެޓުގެ ކަންކަން އެބޭފުޅުން ބޭނުންވާގޮތަށް ވެގެންދާނޭ ކަމަށެވެ. އެހެނަސް އެކަން އެމަގަށް ނުހިނގާ އަންނަ އަހަރުގެ ބަޖެޓުވެސް މިވަނީ އެމްޑީޕީގެ މެންބަރުނާ ހަމައަށް އައިސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އިދިކޮޅު މެންބަރުން އެންމެ ކަންބޮޑުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމަށް ކުރާ ހޭދަ އިތުރުވެގެންދިޔުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ވަހީދު ވިދާޅުވީ ސިއްހީދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ފަސް ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރާ ކަމަށާއި އިޖުތިމާއީ ރައްކާތެރިކަން ރައްޔިތުންނަސް ހޯދައިދިނުމަށްޓަކައި ތިނެއް ޕޮއިންޓް ނުވައެއް މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށެވެ. އޭގެ އިތުރުން ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައު ހަތަރު ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުުކުރާ ކަމަށް ވެސް ވިދާޅުވިއެވެ. "ގެދޮރުވެރިކަމުގެ ދާއިރާއަށް ދޭއް ޕޮއިންޓް އަށެއް ބިލިއަން ރުފިޔާ އެބަ ޚަަރަދުކުރޭ، ތިމާވެށީގެ ދާއިރާއަށް ދެ ބިލިއަން ރުފިޔާ އެބަޚަރަދުކުރޭ، އިގްތިސާދު ކުރިއެރުުވުމަށް ދިހަ ބިލިއަން ރުފިޔާ ޚަރަދުކުރޭ،" އޭނާ ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ޒިންމާއަކަށްވާންވާނީ ރައްޔިތުންނަށްޓަކައި ރަނގަޅު ހުށަހެޅުންތަކެއް މަޖިލީހަށް ހުޅަން ކަމަށެވެ. އެހެންނަމަވެެސް އިދިކޮޅު ފަރާތްތަކަށް އެކަމެއް ނުކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.