ފައިޒައިން އުފައްދާފައިވާ ކޮވިޑް19ގެ ވެކްސިން ވަރަށް ކާމިޔާބު ކަމަށް އެފްޑީއޭ ގެ ރިޕޯޓެއްގައި ބުނެފިއެވެ. ފައިޒަރގެ ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދައަށް ހުށަހަޅާފައި ވުމާއެކު އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސްޓާފުންގެ ހޯދުން ތަކުން އެނގިފައިވަނީ މިއީ 95 އިންސައްތަ ކާމިޔާބު ވެކްސިނެއް ކަމަށެވެ.

މި ވެކްސިން އާ މެދު އެފްޑިއޭ އިން ގޮތެއް ނިންމާނީ މި ރިޕޯޓާމެދު ބަހުސް ކުރުމަށްފަހު މާދަމާ އެވެ.

ކޮވިޑް19ގެ ވަބާގައި ޖެހިގެން އެމެރިކާއިން ތިން ލައްކައާ ކައިރިކުރާ އަދަދަކަށް މީހުން މަރުވެފައި ވެއެވެ.

އެމެރިކާއިން ދަނީ ފުރަތަމަ ބުރުގައިވެސް 6.4 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ތައްޔާރު ވަމުންނެވެ.

ޓްރަމްޕްގެ ސަރުކާރުގެ މަސްއޫލުވެރިން ވިދާޅުވެފައިވަނީ ފައިޒަރގެ ވެކްސިންއަށް އެފްޑީއޭއިން ހުއްދަ ދިނުމުން 24 ގަޑިއިރު ތެރޭގައި ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިއަހަރު ނިމޭހާތަނަށް އެމެރިކާގެ 20 މިލިއަން މީހުންނަށް ފައިޒަރއާއި މޮޑަރނާގެ ވެކްސިންގެ ދެ ޑޯޒް ލިބޭވަރުވާނެ ކަމަށް ބެލެވެއެވެ.