ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފަށައިފި އެވެ. އާރުޓީއެލްއަށް އަހުލުވެރި ކުރުމުގެ ދަތުރުތައް ތިން ރޫޓަކުން ކުރަމުންދާނެއެވެ.

މިއީ ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ އަތޮޅުގައި ފެށި ޚިދުމަތެކެވެ. ނޮވެމްބަރ 17 އިން 20 އަށް ވަނީ ސްޕީޑް ފެރީތަކުގެ ޓެކްނިކަލް ދަތުރުތައް ކުރިއަށް ގެންގޮސްފައެވެ. އިއްޔެ ފެށި އަހުލުވެރި ކުރުމުގެ ދަތުރުތައް ނޮވެމްބަރު 27 އަށް ކުރިއަށްދާނެއެވެ. މި ދަތުރުތަކުން ކަސްޓަމަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.

ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، ޚިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމެވެ. އޭގެ އިތުރުން ދަތުރުތަކާބެހޭ ގޮތުން ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުމަކީ ވެސް އެއް މަގުސަދު ކަމަށް މި ޚިދުމަތްދޭ ކުންފުނި ކަމަށްވާ އެމްޓީސީސީން ވިދާޅުވެފައިވެއެެވެ.

އަގުނަގައިގެން ޅ. އަތޮޅުގައި މި ޚިދުމަތް ދޭން ނިންމާފައިވަނީ ނޮވެމްބަރ 28 ވަނަ ދުވަހުއެވެ. ރަސްމީކޮށް އަގުނަގައިގެން ޚިދުމަތް ދޭން ފެށުނުކަމުގައިވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ )އެންސްޕާ( ގައި ރަޖިސްޓްރީ ވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ.