މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީޤު ކުރައްވައިފިއެވެ. އެ ބިލް އެމަނިކުފާނު ތަސްދީގު ކުރެއްވީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ.
މި ބިލް ފާސްކޮށްފައިވަނީ ނޮވެމްބަރ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ. އެދުވަހުގެ ޖަލްސާގައި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 88 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލަށް ގެނައި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާ ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމެވެ. އޭގެ އިތުރުން ގައުމުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ޚަރަދު ކުރުމަށް ދައުލަތުގެ އާންމްދަނީ އިތުރުކުރުމެވެ.
މި އިސްލާހުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީ. އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީގެ ރޭޓު މަތިކުރުމަށްޓަކައި މި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ވެސް ވަނީ ގެނެސްފައެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 1 ޖަނަވަނީ 2023 އިން ފެށިގެން 16 އިންސައްތަކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ 1 ޖަނަވަނީ 2023 އިން ފެށިގެން 8 އިންސައްތަ ކަމުގައިވެސް ކަނޑައަޅުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.