ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަށް މީހުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޚާއްސަ ނަސޭހަތެއް މިރޭ ދެއްވައިފިއެވެ.

މިދިއަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފްލާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަލަށް ނޫސްވެރިކަމަށް ނުކުންނަ ކުދިން ލިޔަން ފެށުމުގެ ކުރިން ތިމާ ލިޔާނީ ބީނާކުރަނިވި ލިޔުންތޯ ނުވަތަ ފަނާކުރަނިވި ލިޔުންތޯ ކަނޑައަޅަން ޖެހޭ ކަމަށެވެ.

"ނޫސްވެރިކަމަށް އަލަށް ނުކުންނަ ނޫސްވެރިންނަށް އަޅުގަނޑު ދަންނަވާނީ، ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ދޯރި ނަގަންވާނީ، އޭގެ ތުނޑުން ތިމާ ލިޔާނީ، ބިނާކުރަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށްފަހުގައޭ. މިރޭ ނޫސްވެރިކަމުގެ އެވޯޑް ހާސިލުކުރާ ނޫސްވެރިންފަދަ، ނޫސްވެރިއަކަށްވާން އެދޭނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި، އޭނާ އިޚްތިޔާރުކުރާނީ ބިނާކުރަނިވި ނޫސްވެރިކަން،" ރައީސް ވިދާޅުވިއެވެ.

މިރޭގެ ހަފްލާގައި ރައީސް ވަނީ ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓަވައި ނުލައްވާނެ ކަމަށް ވިދާޅުވެއެވެ. "އެއީ، އުނދަގޫ މަސައްކަތެއް. ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވިއެވެ.