ސަރުކާރުން ހިންގާ ކުންފުނިތައް ބޮޑުވަމުން ގޮސް ކިއްލި ތެޅުމާއި ހެދިކާ ހެދުމާއި ބިޔުޓީޕާލާ ހިންގުން ނޫން އެހެން ހުރިހާ އަމިއްލަ ވިޔަފާރިތަކަށް ވަދެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ އެ ކުންފުނިތަކުން އެގޮތަށް އަމަލުކުރުމަކީ އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ޚިލާފަށް ކުރާކަމެއް ކަމަށެވެ. މީގެ ސަބަބުން ސަރުކާރުވެފައިވަނީ ވިޔަފާރިކުރާ ތަނަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"ދެންއޮތީ ސަރުކާރުން ހިންގާ ކުންފުނިތައް، ބޮޑުވަމުންބޮޑުވަމުން ގޮސް މިހާރު ކިއްލިތެޅުމާއި ހެދިކާ ހެދުމާއި ބިޔުޓީޕާލާ ހިންގުން ނޫން ހުރިހާ އަމިއްލަ ވިޔަފާރިތަކަށް ސަރުކާރު ކުންފުނިތައް ވަދެއްޖެ. އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ޚިލާފަށް ސަރުކާރުން ވިޔަފާރިކުރާ ތަނަކަށް ވެއްޖެ. ސަރުކާރު ހިންގާ ކުންފުނިތަކަށް މުސާރަދީފައި އިގްތިސާދު ހަމަޖެހުނީޔޭ މިބުނަނީ. އަމިއްލް ކުންފުނިތައް ވެސް ބޭނުންވާނެ އެމީހުންގެ މުވައްޒަފުންނަށް މުސާރަދޭން. އެމީހުން ވެސް ބޭނުންވާނެ އާމްދަނީ އެމީހުންވެސް ބޭނުންވާނެ މަސައްކަތް އެމީހުންވެސް ބޭނުންވާނެ ޕްރޮފިޓް. އެމީހުންވެސް ގެ ހުރިހާ ވަޒިފާތަކެއް މަސައްކަތްތަކެއް ސަރުކާރުން ހިންގާ ކުންފުނިތަކުން ކޮށްފައި މިބުނަނީ އިގްތިސާދު ހަމަޖެއްސީއޭ،" އެކަން އެގޮތަށް ނުވާނޭ ކަމަށް އީވާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން އެމްއެމްއޭއަށް ނެގިފައިސާ އަނބުރާ ދައްކާފައި ނުވާކަމަށާއި އަދި ދެއްކުމުގެ ޕްލޭނެއްވެސް މިފަހަރުގެ ބަޖެޓުން ފެންނަން ނެތްކަމަށް ވިދާޅުވިއެވެ. އަހަރަކަށްވުރެ އަހަރެއް ސަރުކާރުގެ ޚަރަދު ވެސް އަންނަނީ ބޮޑުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ޚަރަދު ބޮޑުވާއިރު އެ ޚަރަދު ބޮޑުވަނީ އިގްތިސާދު ޖެނެރޭޓު ކުރެވޭކަހަލަ ކަންކަމަށްނޫން ކަމަށް ވެސް މެންބަރު އީވާ ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދު ބޮޑުކޮށްފައި ރައްޔިތުން އަތުން ނަގާ ޓެކްސް މިހާރު ހަދަމުންދަނީ ރަންބިސް އަޅާ ކުކުޅަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް އޮންނަ ފުރުސަތު ހަނިވަމުންދާ ކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

ނިމިގެން މިދާ އަހަރުވެސް ބޭރުގެ އެހީގެ ގޮތުގައި ލިބެނޭކަމަށް އަންދާޒާ ކުރިވަރުގެ ދިހަ ޕަސެންޓުވެސް ބަޖެޓަށް ނުލިބޭ ކަމަށާއި، "ނުލިބުނީމާ ޑޮމެސްޓިކް ފައިނޭންސުން ސަރުކާރުގެ މަޝްރޫއުތައް ހިންގަންޖެހުނީ. އެތެރޭގެ ބޭންކު ތަކުން ސަރުކާރު ހިންގަން ފައިސާ ނެގީމާ އޭގެމާނައަކީ އަމިއްލަ ވިޔަފާރިތަކަށް ބޭންކުތަކުން ދޭން ހުންނަ ލޯނާއި ފައިސާ ނުހުންނަނީޔޭ، އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހަނިވަނީޔޭ،" އީވާ ވިދާޅުވިއެވެ.

މިކަންކަން މި މަގަށްހުރި އިރުވެސް ސަރުކާރުން ގެންދަނީ ސަރުކާރު ކުންފުނިތަކަށް ސިޔާސީ މީހުން އައްޔަނު ކުރަމުން ކަމަށް އީވާ ވިދާޅުވިއެވެ. އެގޮތަށް "ސިޔާސީ މީހުން ލަމުންލަމުން ގޮސްފައި އެބުނަނީ ދެވަނަ ދައުރު ހަމަޖައްސަން އުޅޭވާހަކަ. އެ ދައްކަނީ އިގްތިސާދު ހަމަޖައްސަން އުޅޭ ވާހަކައެއްނޫން. މެދުރާސްތާ ކުރުރާސްތާ ދިގުރާސްތާ އަށް އިގްތިސާދު ހަމަޖެއްސުމަކީ އެންމެނަށް ވެސް އެނގޭނޭ ފަދައިން އަމިއްލަ ވިޔަފާރިތައް ހަމަޖެހުން،" ކަމަށް އީވާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުދާކަމަށް މެންބަރު ވިދާޅުވިއެވެ.