ފާއިތުވި 4 އަހަރުތެރޭގައި ތ. އަތޮޅަށް އިގްތިސާދީ ގޮތުން އެއްވެސް އަޅާލުމެއް މިސަރުކާރުން ދެއްވާފައި ނުވާކަމަށް އެމްއެންޕީގެ ޕީޖީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ރިޔާޟް ވިދާޅުވީ މިއީ މަޖިލީހުގައި ހޭދަކުރައްވާ 2 ވަނަ ދައުރު ކަމަށާއި، މިހާތަނަށް އައިއިރު މުޅިންވެސް ހުށަހަޅަނީ ސިޔާސީ ބަޖެޓުތަކެއް ކަމަށެވެ. އަންނަ 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ވެސް ފެނިގެން ދަނީ އިންތިޚާބަށް ތައްޔާތުކޮށްފައިވާ ބަޖެޓެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރަށް ހަތަރު އަހަރު ފުރިފައިވަނީ ނޮވެމްބަރ 17 ވަނަ ދުވަހުއެވެ. އެދުވަސް ފާހަގަ ކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ ފާއިތުވި 4 އަހަރަަކީ ހަމަހަމަ ހަތަރު އަހަރު ކަމަށެވެ. އެހެންނަމަވެސް ރިޔާޟް ވިދާޅުވީ ފާއިތުވި 4 އަހަރަކީ އިޤްތިޞާދީ ގޮތުން ހަމަހަމަ 4 އަހަރު ކަމަށް ދެންނެވެން ނެތްކަމަށެވެ.

ރިޔާޟް ވިދާޅުވީ ފާއިތުވި 4 އަހަރުތެރޭގައި ސަރުކާރުން ވަނީ ތ. އަތޮޅަށް އިހުމާލުކޮށްފައި ކަމަށެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެންމެ ރަށެއްވެސް ދޫކުރައްވާފައި ނެތް ކަމަށާއި ދަނޑުވެރިކަމުގެ މަސައްކަތަށް ވެސް އެއްވެސް ރަށެއް ދެއްވާފައި ނުވާކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ތ. އަތޮޅަކީ މަސްވެރިން ގިނަ އަތޮޅެއް ކަމަށާއި، މަސްވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ފުނައްޑޫ ގައި މަސްގަތުމުގެ މަސައްކަތެއްވެސް ނުހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތ. އަތޮޅުގައި އޮންނަ ހަމައެކަނި އެއަރޕޯޓް ކަމުގައިވާ ތިމަރަފުށީ އެއަރޕޯޓަށް ޖައްސަނީ ހަފްތާއަކު އެންމެ 2 ފްލައިޓް ކަމަށާއި، މިއީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރުވެސް މިކަން އޮތް ގޮތް ކަމަށެވެ.

ރިޔާޟް ވިދާޅުވީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ހޮސްޕިޓަލަކާއި ޖޫނިއާ ކޮލެޖެއްގެ ވާހަކަ އޮތް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލް އެޅުމަށް ބަޔަކާ ހަވާލުކުރުމުގެ ރަސްމިއްޔާތަށް ޚުދު އޭނާ ވެސް ވަޑައިގެންނެެވި ކަމަށް ރިޔާޟް ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން އެޕްރޮޖެކްޓްތަކަށް ވީގޮތްވެސް ނޭނގޭ ކަމަށާއި ހޮސްޕިޓަލާއި ޖޫނިއާ ކޮލެޖާ ބެހޭ ގޮތުން ތިމަރަފުށީ ރައްޔިތުން ސަރުކާރާ ސުވާލުކުރާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ެ ޕްރޮޖްޓްތަކުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅވިއެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް ކަމަށްވާ ކިނބިދޫ-ވޭމަންޑޫ ކޯޒްވޭގެ ވަޢުދު ފުއްދުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި މަދު ލާރިކޮޅެއް ހިމަނާލުން ނޫން އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. މިމަސައްކަތުގެ ތަފްސީލާމެދު ފިނޭންސް މިނިސްޓަރާ ސުވާލުކުރުމުން އެމަސައްކަތް އެވޯޑްކުރިކަމުގެ އެއްވެސް މައުލޫމާތެއް އެނގެން ނެތް ކަމަށާއި މިސަރުކާރުގެ ކުރިއަށް މިއޮތް އަހަރެއްހާ ދުވަސްތެރޭ މިކޯޒްވޭގެ މަސައްކަތް ނިންމުމަށް ކުރާނީ ކޮންކަމެއްތޯވެސް ތ. އަތޮޅުގެ ރައްޔިތުންނަށް އެނގެން ބޭނުންވާ ކަމަށް މެމްބަރު ރިޔާޟް ވިދާޅުވިއެވެ.