ކޮޅުމަޑުލު ވޭމަންޑޫ ހޮސްޕިޓަލްގެ އިމާރާތް ހުރީ ވަރަށް ބޮޑަށް ބައުވެފައި ކަމަށާއި އެތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތެއް މިސަރުކާރުން ކޮށްދެއްވާފައިނުވުމުގެ އިތުރުން އެތަން ތަރައްޤީކުރުމަށް ވެެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް އެމްއެންޕީގެ ޕީޖީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ރިޔާޟް ވިދާޅުވީ އެ ހޮސްޕިޓަލަކީ ތ. އަތޮޅުގެ ހުރިހާ ރައްޔިތުން ބޭސްފަރުވާއަށްދާ ހޮސްޕިޓަލް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން އެންމެ ގަދައަށް ފާހަގަކުރަމުންދާ އާރްޓީއެލް ފެރީގެ ޚިދުމަތްވެސް އެންމެ ފަހުން ލިބޭނެ އަތޮޅެއްގެ ގޮތުގައި އޮތީ ތ. އަތޮޅުކަމަށެވެ.

މިކަންކަމުގެ އިތުރުން ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ފެއްޓި ކަމަށާއި އެއްވެސް ރައްޔިތަކަށް އަދި ހިޔާވަހިކަމެއް ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ތިމަރަފުށީގެ މަގުހެދުމުގެ ޕްރޮޖެކްޓްވެސް ފެށިނަމަވެސް މިއަދާ ހަމައަށް އެންމެ ތާރުކޮޅެއްވެސް އެޅިފައި ނެތްކަމަށް ރިޔާޟް ވިދާޅުވިއެވެ. މީގެ އެއްވެސް ޕްރޮޖްކްޓެއް ކުރިއަށް އޮތް 5 އަހަރުތެރޭގައިވެސް ނިމޭނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2019 އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ތިމަރަފުށީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ހިމަނާކަމަށާއި، ބަޖެޓުގައި ހިމެނުމަކުން އަދި މިއީ ކަންވުމެއް ނޫންކަމުގައެވެ. މިސަރުކާރު އައި އިރުވެސް ވޭމަންޑޫގެ ނަރުދަމާގެ މަަސައްކަތް އޮތީ ހަވާލުކޮށްފައި ކަމަށާއި އެމަސައްކަތް ކުރިޔަށް ނުދާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބަޔަކާ މަސައްކަތެއް ހަވާލުކުރުމުން އެއީ ޕްރޮޖެކްޓް ހާސިލް ކުރެވުން ކަމަށް ދެކޭ ނަމަ އެއޮތީ އެކަން ކުރެވިފައި ކަމުގައި ވެސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ މަރުހަލާގައި ދެ ހުށަހެޅުމެއް ރިޔާޟް ވަނީ ބަޖެޓަށް ހުށަހަޅައިފައެވެ. އެއީ މަސްވެރިންނަށް ދެވޭ ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިނުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ 250 މިލިއަން ރުފިޔާ މިފްކޯއަށް ދިނުމުގެ ބަދަލުގައި ސީދާ މަސްވެރިންނަށް ދެވޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމަށާއި ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެންނަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 70 މިލިއަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުގައި ހިމެނުމަށް ހުށަހެޅި ހުށަހެޅުމެވެ. ނަމަވެސް މިިވާހަކަ އަޑުއަހަންވެސް ބަޖެޓު ކޮމިޓީން ބޭނުންނުވި ނުވުމުގެ އިތުރުން ތާއީދެއް ވެސް ނުލިބުނު ކަމަށް ރިޔާޟް ވިދާޅުވިއެވެ.