މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދޭނޭ ކަމަށް އެޕާޓީން ބުނެފިއެވެ. ސްޕޯކްސް ޕާސަން ޝިދާތާ ޝަރީފް ވިދާޅުވީ އެއީ އެޕާޓީ އުފެއްދުމުގެ އެއް އަސާސް ކަމަށެވެ. އެހެން ކަމުން އެޕާޓީގެ ވެރިކަމެއްގައި ހައްގުތައް ކަށަވަރުވެފައިވާ ބައެއްގެ ގޮތުގައި ރައްޔިތުން ދިރިއުޅެމުންދާތަން ފެންނާނޭ ކަމަށެވެ.

އެގޮތުން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ ވިޔަފާރީގެ ސިނާއަތްތައް ފުޅާ ކުރެވިގެންދާނޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ. އޭގެ އިތުރުން މިނިވަންކަމާއެކު ވިޔަފާރި ކުރެވޭނޭހެން އިންވެސްޓްމަންޓުތަކަށް ފަހި މާހައުލެއް ހުޅުވިގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެންޕީގެ މަގުސަދަކީ ރައްޔިތުން މިހާރުތިބި ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިއުން ކަމަށާއި އެކަންކުރުމުގެ ހުނަރާއި ގާބިލްކަމާއި ވައްޓަފާޅިއާއި ޚިޔާލާއި ފިކުރު އެޕާޓީގައި ހުންނާނޭ ކަމަށް ވެސް ސްޕޯކްސް ޕާސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް ވެސް އެންމެ އެދެވޭ ގޮތުގައި މިހާރު ލިބެމުން ނުދާކަމަށެވެ. "ގާނޫނު އަސާސީގައި ބުނެފައިވާ އަސާސީ ހައްގުތައް ހަމަހަމަ ގޮތުގައި ރައްޔިތުންނަށް ލިބެމުންދާތަނެއް ނުފެނޭ. އެހެންނަމަވެސް އެހުރިހާ ހައްގެއް ވެސް އެމްއެންޕީގެ ވެރިކަމެއްގައި އެންމެ އެކަށީގެންވާ ގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ އިރާދަކުރެއްވިއްޔާ،" ޝިދާތާ ވިދާޅުވިއެވެ.