މިޒަމާނުގެ ނޫސްވެރިކަމަކީ، މުޖުތަމަޢުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ އިންފޮމޭޝަން ޓެކްނޯލޮޖީގެ އޮއިވަރުގައި ވަރަށް ހަލުވިކަމާއެކު، މުޖުތަމަޢަށް ފެތުރިގަންނަ މަސައްކަތެއް ކަމަށެވެ.
"އެހެންކަމުން، ނޫސްވެރިޔާގެ އަތުން، ނޫސްވެރިކަމުގެ ޙަޤީޤީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމަޢަށް ލިބެންޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ ކޮންމެ ބާރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބަކީ، ޤައުމީ މަޞްލަޙަތު އިސްކޮށް، ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތްކުރުން ކަމަށާއި ނޫސްވެރިކަމަކީ، އެ ތިން ބާރުގެ މައްޗަށް ފާރަވެރިވެ ޒިންމާދާރުކުރުވާ، ދައުލަތުގެ ހަތަރުވަނަ ބާރުކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ނޫސްވެރިންގެ ޒިންމާއަކަށްވާނީ، ޤައުމުގެ ކޮންމެ ކަމެއްގައިވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުން ކަމަށް ވެސް ވިދާޅުވިއެވެ.
"ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ޤަބޫލުކުރާގޮތުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު. ނޫސްވެރިން ފަތުރާ ޚަބަރާއި މަޢުލޫމާތުން، މުޖުތަމަޢަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރުވެސް، މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު ތެދެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އެހެންކަމަށްވާނަމަ، ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ ޒިންމާއެއްވެސް އެޅިގެންދާނެކަން ޤަބޫލުކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
މިރޭގެ ހަފްލާގައި އިނާމް ލިބުނު ނޫސްވެރިންނަށް ރައީސް ވިދާޅުވީ މިނިވަން ނޫސްވެރިކަމުގެ ތެރޭގައި، ވަރަށް ގިނަ ނޫސްވެރިންތަކަކާ ވާދަކޮށް އެވޯޑެއް ހާސިލުކުރާއިރު، ދެން އެންމެ ބޮޑަށް މަސައްކަތް ކުރަންވީ، ތިމާއަށް ލިބޭ އެވޯޑުގެ ނަން ދެމެހެއްޓުމަށް ކަމަށެވެ.
އެއީ ޒިންމާދާރު ނޫސްވެރިއެއްގެ ގޮތުގައި ދެމިހުރުން ކަމާއޮ އެއީ ފަހަރެއްގައިވެސް، އިވޭ ކޮންމެ ވާހަކައެއް، އިވުނު ގޮތަކަށް ލިޔެ ޢާންމުކުރުމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ޒިންމާދާރުވުމަކީ، އިވޭ ވާހަކަތަކުގެ ތެދުދޮގު ކަށަވަރުކުރުމަށްފަހު، އަދި އެއީ މުޖުތަމަޢަށް ކޮންމެހެން އެނގެންޖެހޭ، ނުވަތަ މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ވާހަކައެއްކަން ކަށަވަރުކުރުމަށްފަހުގައި ޢާންމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.