މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް (ރިޓަޔަރޑް ކާނަލް) ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނާއި ގައުމުގެ ހިމާޔަތުގައި ކަމަށް އެޕާޓީން ބުނެފިއެވެ. އެމްއެންޕީގެ ސްޕޯކްސް ޕާސަން ޝިދާތާ ޝަރީފް ވިދާޅުވީ ރައްޔިތުންނާއި ގައުމު ރައްކާތެރިކޮށްދީ ހިމާޔަތް ކުރުން ނޫން ވިސްނުމެއް ނާޒިމް ނުގެންގުޅުއްވާ ކަމަށެވެ.
"ނާޒިމް އެންމެ ބޮޑު އިސްކަމެއްދެއްވާނީ ގައުމާއި ރައްޔިތުންނަށް. އެކިދާއިރާތަކުން މީހުންނަށް ކިޔަވައިދީ ތަމްރީން ކުރުމަކީ އެންމެ އިސްކަން ދެއްވާނޭ އެއްކަންތައް. އެމީހުން ކިޔަވައިގެން އައިސް ވަޒީފާތައް އަދާކޮށް ގައުމު ބިނާކުރުމުގެ މަސައްކަތް ފަށާނެ. ތަރައްގީގެެ އެކިއެކި މަޝްރޫއުތައް ހިންގާނެ. އެއާޕޯޓުތައް އެޅުމާއި ބިންހިއްކުމާއި ބަނދަރު ހެދުުމާއި އިމާރާތްތައް އެޅުމާއި ހައުސިން ސްކީމްތައް ހިންގާނެ. އެހެން ކަމުން ގައުމު ބިނާކުރަން ބޭނުންވާ މީހާ އެންމެ އިސްކަމެއް ދެއްވާނީ މީހުންނަށް ތަމްރީން ދީ މީހުން ބިނާކުރަން. ނާޒިމް އެކަން ކުރައްވާނެެ،" ޝިދާތާ ވިދާޅުވިއެވެ.
ނާޒިމަކީ އަމިއްލަ ނަފުސާއި އާއިލާއާއި ގާތް ރަހުމަތްތެރީންގެ ފައިދާއަށް ވެރިކަމަށް ވަޑައިގަންނަވާނޭ ބޭފުޅެއް ނޫންކަމަށާއި އަބަދުވެސް ބޭނުންވާނީ ރައްޔިތުންނަށް ކުރިއެރުމާއި މަންފާ ކަމަށް ޝިދާތާ ވިދާޅުވިއެވެ. އެކަން ނާޒިމްގެ މާޒީން ވަރަށް ރަނގަޅަށް ފެންނާނޭޭ ކަމަށް ވެސް ވިދާޅުވިއެވެ.
އުމުރުން އެންމެ އަށާރަ އަހަރުން ފެށިގެން ނާޒިމަކީ ގައުމަށް ޚިދުަތް ކުރައްވަމުން ވަޑައިގަންނަވާ ބޭފުޅެއް ކަަމަށާއިި އަބަދުވެސް އޭނާ ގެންގުޅުއްވާނީ ގައުމާއި ރައްޔިތުންނަށް އެންމެ ރަނގަޅު އުސޫލު ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ނާޒިމަކީ މިހާރުވެސް އަމިއްލަ މަސައްކަތުން ފައިސާ ހޯއްދަވައިގެން ދިރިއުޅުއްވާ ފުދުންތެރި ބޭފުޅެކެވެ. އެހެން ކަމުން އޭނާގެ ވެރިކަމެއްގައި ވެސް ދައުލަތުގެ ފައިސާގައި ޖެހިވަޑައި ނުގަންނަވާނޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.