"އަހަރީ މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލް" އަންނަ ޑިސެމްބަރ 2 ވަނަ ދުވަހު ފަށާނޭ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ. މިއީ މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް އެފަހަރު ބާއްްވާފައިވަނީ އުރީދޫ މޯލްޑިވްސް އާއި ކްރިކެޓް ބޯޑާ ގުޅިގެންނެވެ. މިފަހަރު ބާއްވަނީ އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން އެމްއެމްޑަބްލިއުއެމް އިންނެވެ.

ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މިމަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ހަރަކާތެކެވެ. ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމް އިން މިފަހަރުގެ ކާނިވަލުގައިވެސް ބިދޭސި މަސައްކަތްތެރިންނަށް ހިލޭ މެޑިކަލް ސްކްރީނިންގެ އިތުރުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ.

އެމްއެމްޑަބްލިއުއެމް އަށް މި ކާނިވާ ކުރިއަށް ގެންދިޔުމުގައި ވޭތުވެދިޔަ އަހަރު އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާއިރު، މިއަހަރުގެ ކްރިކެޓް ކާނިވަލަށް ވެސް އެމްއެމްޑަބްލިއުއެމްގެ މައި ސްޕޮންސަރއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަރަކާތްތެރިވުމަކީ އެޖަމްޢިއްޔާއިން ނުހަނު އުފާކުރާ ކަމެއްކަމަށް ފާހަގަކުރެއެވެ.

އެދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 18:00 އާހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކްރިކެޓް މުބާރާތުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި އެ ބޯޑުގެ މުވައްޒަފުންނެވެ.

ބިދޭސި މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުން އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި މިފަދައިން ބިދޭސި މަސައްކަތްތެރިން ހިމަނައިގެން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަކީ ޖަމްޢިއްޔާއިން ނުހަނު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގައި ދީލަތި އެހީތެރިންނާއި ސްޕޮންސަރުންގެ އެއްބާރުލުން މި ފުރުސަތުގައި ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އެމްއެމްޑަބްލިއުއެމްއިން ފާހަގަކުރެއެވެ.

އެމްއެމްޑަބްލިއުއެމް އިން އުންމީދު ކުރަނީ ވޭތުވެދިޔަ އަހަރާ އެއްގޮތަށް މިއަހަރުގެ ކްރިކެޓް ކާނިވަލަށް ވެސް ގިނަ އަދަދެއްގެ ބިދޭސި މަސައްކަތްތެރިންނާއި އެމީހުންގެ ޓީމުތައް ބައިވެރިވެ، ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުމެވެ. އެމްއެމްޑަބްލިއުއެމް އިން ވަނީ ކްރިކެޓް ޓީމުތަކަށް، އެ ޖަމްޢިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެ ޖަމްޢިއްޔާގެ ހޮޓްލައިން 9607384994+ އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ރެޖިސްޓަރކުރުމުގެ އެންމެ ފަހު ތާރީޚަކީ 29 ނޮވެމްބަރ 2022 އެވެ.