މޯލްޑިވްސް ޑިވެލޮޕްމެންޓް އޭލިއަންސް (އެމްޑީއޭ) ގެ ސަރުކާރެއްގައި ރާއްޖޭގައިހުރި އިޖުތިމާއީގޮތުން ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ " އަޅުގަނޑުމެންގެ ސަރުކާރެއްގައި އިޖްތިމާއީ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދާދޭނަން،" ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

އޭނާ ކުރިން ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންވަނީ ފުދުންތެރި ދެކޮޅުޖެހޭ އުފާވެރި ދިރިއުޅުމެއް ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައްވެސް ފޯރުކޮށްނުދެވި ބޮޑުތަނުން ފެއިލް ވެފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންމަވެސް އެމްޑީއޭގެ ސަރުކާރެއްގައި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ލިބިގެންދާނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.