ޗައިނާގެ ސްޓޭޓް މީޑިއާ އިން ހުކުރު ދުވަހު ބުނި ގޮތުން، އެގައުމުން ކާމިޔާބު ކަމާއެކު "އާޓިފިޝަލް ސަން" ނުވަތަ ހެދި އިރުގެ ނިއުކްލިއަރ ރިއެކްޓަރ އީޖާދުކޮށް ރޯކޮށްލައިފިއެވެ. މިއީ ހަކަތަ އުފެއްދުމުގެ މައިދާނުގައި ޗައިނާ ހޯދި ވަރަށް ބޮޑު ކުރިއެރުމެކެވެ.

“HL-2”

" HL-2Mޓޮކަމަކް" އަކީ ޗައިނާގެ އެންމެ ބޮޑު އަދި އެންމެ ޒަމާނީ ނިއުކްލިއަރ ފިއުޝަން ތަހުލީލުކުރާ އާލާތެވެ. ސައިންޓިސްޓުން އުއްމީދު ކުރަނީ މި އާލާތް ބޭނުންކޮށްގެން ސާފު ހަކަތަ އުފެއްދުމުގެ މުޅީން އާ ގޮތެއް ހޯދުމަށެވެ. ސާފު ހަކަތައަކީ އެ ހަކަތަ އުފެއްދުމުގައި ތިމާވެއްޓަށް ގެއްލުންނުވާ ގޮތަށް އުފައްދާ ހަކަތައެވެ.

ޗައިނާގެ ނޫހެއް ކަމަށްވާ "ޕީޕަލްސް ޑެއިލީ" އިން ހާމަކޮށްފައިވާ ގޮތުގައި، ވިރުވާފައިވާ މައުދަންގެ "ޕްލާސްމާ" ވަރަށް ބާރުގަދަ ދަގަތްފާނުގެ ބާރު ބޭނުންކޮށްގެން، 150 މިލިއަން ޑިގްރީއަށް ހޫނު ކުރުމަށްފަހު، މި ރިއެކްޓަރުގައި "ފިއުޒް" ކުރެވެއެވެ. "ފިއުޒް" ކުރުމަކީ، މައުދަނެއްގެ އެޓޮމް އޭގެ އެހެން އެޓޮމް އަކާ އެއްކޮށްލުމެވެ. މި ދުނިޔޭގެ އިރުން އުފެދޭ ހަކަތަ އުފެދެނީ މިގޮތަށް ފިއުޝަންގެ ޒަރިއްޔާއިންނެވެ. ނަމަވެސް މި ރިއެކްޓަރ އިން ހޫނުކުރާ މިންވަރަކީ އިރުގެ މެދު ތެރޭގައި ހުންނަ ހޫނުގެ މިންވަރަށް ވުރެ 10 ގުނަ ބޮޑު މިންވަރެއް ކަމަށް ވެއެވެ.

ޗައިނާގެ ހުޅަނގު ދެކުނު ސިޗުއާން ޕްރޮވިންސްގައި ބިނާކޮށްފައިވާ، މި ރިއެކްޓަރަށް "އާޓިފިޝަލް ސަން" ގެ ނަން ވެސް ކިޔާ އުޅެއެވެ. ސަބަބަކީ، އެއިން އުފައްދާ ހަކަތަ އަކީ އެހާވެސް ހޫނުގަދަ އަދި ބާރުގަދަ ހަކަތައަކަށް ވާތީ އެވެ.

"ނިއުކްލިއަރ ފިއުޝަން ބޭނުންކޮށްގެން އުފައްދާ ހަކަތައަކީ ޗައިނާގެ ހަކަތައިގެ ބޭނުންތަކަށް ދިގުމުއްދަތުގައި އޮތް ހައްލުކަމަށް ވުމުގެ އިތުރުން، އެއީ ޗައިނާގެ ދެމެހެއްޓެނިވި ތަރައްގީ އަށާއި މުޅި އިގުތިސާދަށް ވަރަށް މުހިންމު އެއްޗެކެވެ." ޕީޕަލްސް ޑެއިލީގައި ލިޔެފައިވެއެވެ.

މިފަދަ ރިއެކްޓަރެއް އުފެއްދުމުގެ މަސައްކަތް ޗައިނާގެ ސައިންޓިސްޓުން ފަށާފައިވަނީ 2006 ވަނަ އަހަރުއެވެ.

އެ މީހުން ގަސްތުކުރަނީ "އިންޓަރނޭޝަނަލް ތަރމޯނިއުކްލިއަރ އެކްސްޕެރިމެންޓް ރިއެކްޓަރ" (2025 ގައި ނިމޭނެކަމަށް ބެލެވޭ، ޕްރާންސްގައި ގާއިމުކުރަމުންދާ މުޅި ދުނިޔޭގައިވާ އެންމެ ބޮޑު ނިއުކްލިއަރ ފިއުޝަން ރިއެކްޓަރ) ގައި މަސައްކަތްކުރާ ސައިންޓިސްޓުންނާ ގުޅިގެން މިރިއެކްޓަރ ގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.

ފިއުޝަންއަކީ ހަކަތަ އުފެއްދުމުގައި އެންމެ ފައިދާ ބޮޑު ގޮތެވެ. މިއީ އިރުގައި ހަކަތަ އުފެދޭ ގޮތްވެސްމެއެވެ.

ނިއުކްލިއަރ ފިއުޝަންގައި ދެ އެޓޮމްގެ ނިއުކްލިއަސް ގުޅުވާލުމުން، ވަރަށްގިނަ މިންވަރެއްގެ ހަކަތަ އުފެދިގެން ދެއެވެ. މިއީ ނިއުކްލިއަރ ފިޝަންގެ އިދިކޮޅެވެ. ނިއުކްލިއަރ ފިޝަންގައި އެޓޮމްއެއް ނިއުކްލިއަސް ދެބައިވެއެވެ. ދުނިޔޭގައި ހަކަތަ އުފެއްދުމަށް މިހާތަނަށް ބޭނުންކުރާ ހުރިހާ ނިއުކްލިއަރ ރިއެކްޓަރ އަކީ އެފަދަ ފިޝަން ރިއެކްޓަރ ތަކެވެ. އަދި އެންމެހައި ނިއުކްލިއަރ ހަތިޔާރަކީ ވެސް ނިއުކްލިއަރ ފިޝަންގެ ބޭނުންހިފާ ހަތިޔާރެވެ.

ނަމަވެސް ނިއުމްލިއަރ ފިއުޝަން އިން ހަކަތަ އުފެއްދުމަކީ ތިމާވެއްޓަށް ގެއްލުންދޭ ގްރީންހައުސް ގޭސް އުފެދޭ ކަމެއް ނޫނެވެ. އަދި ނިއުކްލިއަރ ރިއެކްޓަރުގެ އެކްސިޑެންޓެއް ނުވަތަ ލީކެއް ވުމުގެ ފުރުސަތު ކުޑަ ކަމެކެވެ. އަދި ނިއުކްލިއަރ މައުދަން ވަގަށް ނެގުމުގެ ރިސްކު ވެސް ކުޑަ ކަމެކެވެ.

ނަމަވެސް ކާމިޔާބު ކަމާއެކު ފިއުޝަން ހާސިލުކުރުމަކީ ވަރަށް އަގު ބޮޑު ކަމެކެވެ. ފްރާންސްގައި އެ ތައްޔާރުކުރާ ރިއެކްޓަރުގެ އަގަކީ ގާތްގަނޑަކަށް 22.5 ބިލިއަން ޔޫއެސްޑޮލަރެވެ.