ރާއްޖޭގެ މަޝްރޫހު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ (ޖުވޭ) އަކީ ބުރަކޮށް މަސައްކަތް ކުރައްވާ ހީވާގި ބޭފުޅެކެވެ. އަމިއްލަ މަސައްކަތާއި ހިތްވަރު ކުރިއެރުންތަކެއް ހޯއްދެވި ބޭފުޅެކެވެ.

ކޮވިޑް 19 ގެ ވަބާ ރާއްޖެއަށް ކުރިމަތިވި ވަގުތަކީ ޖޫވެސް އެހޫ ބުރަކޮށް އަވަދިނެތި އުޅުއްވި ދުވަސްކޮޅެކެވެ. އެހެންނަމަވެސް ކޮވިޑާއެކު މުޅި މާލެ ލޮކްޑައުންކުރިއެވެ. ފިޔަވަޅުތައް ހާލަތާ އެކަށީގެންވާ ގޮތަށް ހަރުދަނާކުރިއެވެ.

އެވަގުތު ޖޫވޭ ވެސް އިންނަވަން ޖެހުނީ ގޭތެރޭގައެވެ. ކޮވިޑްގެ ސަބަބުން ގޭ ބަންދުވީއެވެ.

އެދުވަސްވަރު ވެސް ޖޫވޭގެ މަސައްކަތަކަށް ބަދަލެއް ނާދެއެވެ. ހާލަތާއި ވަގުތާ ގުޅޭ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ގޭގައި އިންނަވައިގެންނެވެ. "ލޮކްޑައުންގެ ދުވަސް ތަކުގައި މިއުޅުނީ އަސްލު ވަރަށް ބިޒީކޮށް . އަސްލު ބިޒީކޮށް އުޅުނީތީ އެއްގޮތަކުން ރަނގަޅު. ބޭކާރު ޚިޔާލުތަކުން ސަލާމަތްވެ ކުރަން ބޭނުންވެފައި ނުކުރެވި ހުރި ވަރަށްގިނަ މަސައްކަތްތަކެއް ފަށައިގަނެވުނު،" ޖުވޭ ވިދާޅުވިއެވެ.

އެދުވަސްވަރު ޖުވޭ ވަނީ އޭނާ އެކި ފޮތްފޮތުގައި ލިޔެފަހުރި ރެސިޕީތައް އޭނާގެ ފޭސްބުކު ޕޭޖަށް ލުމުގެ މަސައްކަތް ފަށައިފައެވެ. "ކޮންމެ ރެސިޕީ އެއް ވަކިން ހަމަ ފޮތް ބަލައިގެން މިލިޔަނީ. އެހެންވެ ވަރަށް ބުރަކަށް އުޅެގެން ދުވާލަކަށް ދިހަ ރެސިޕީ މިއަޅަނީ. އެއީ ހިސާބު ކޮށްފައި ތަފާތުކާނާގެ އަދަދު ތަކުގައިހުރި ރެސިޕީތައް ވެސް ޑިސެމްބަރު ނިމޭއިރު ވެސް ނުނިމޭނެ. ހުރިހާ ފޮތްތަކުގައި އެބަހުރި 6000 ރެސިޕީ ވަރު. ވަރަށް ދުވަސް ނަގާނެތާ މިގޮތަށް ލިޔަން . މިބައި ނިމުނީމައި ފަހުން ހުރިހާ ރެސިޕީތައް އެއްކޮށް ލެވޭގޮތެއް ބަލާނީ،" ޖުވޭ ވިދާޅުވިއެވެ. "ސޮފްޓް ކޮޕީ ވެސް އެބައޮތް. އެހެންކަމުން ކޮމްޕް ދޮށުގައި އިންނާން ނުޖެހި ކޮންމެ ތަނެއްގައި އިނދެގެން ވެސް ލެވޭނެތާ،" އޭނާ ވިދާޅުވިއެވެ.

ޖުވޭ ވިދާޅުވީ އޭނާގެ ރެސިޕީތަކުގައި ހުރިހާ ބާވަތެއްގެ ޑިޝް ތައް ވެސް ހުންނާނެ ކަމަށެވެ. އެކި ގައުމު ތަކުގެ ކާނާ ،ދިވެހިކާނާ، ޖުވޭގެ އަމިއްލަ އުފެއެއްދުން، ސިއްހީ ކާނާ، ތުއްތު ކުދިންގެ ކާނާ، ކިޔަވާ ކުދިންނަށް ހާއްސަ ކާނާ، ބެލެނިވެރިންނާއި ވަކިން ދުރުގައި ކިޔަވަން ތިބެ އަމިއްލަޔަށް ކައްކަން ޖެހޭ ކުދިންނަށް ހާއްސަ ކާނާ މިހެންގޮސް ތަފާތުކާނާހިމެނޭނެ ކަމަށެވެ.

ޖުވޭ އާންމުކޮށް އޭނާގެ ޕޭޖަށް ލަނީ ދުވާލަކު ރެސިޕީއެކެވެ. އެހެންނަމަވެސް މާ ބިޒީ ނޫންނަމަ ދުވާލަކު ދެ ރެސިޕީވެސް ލައެވެ. "މީހުން ރިކްއެސްޓް ކުރާ ރެސިޕީތައް ގިނައިން ލަނީ. ލޮކްޑައުންގެ ދުވަސްވަރު ޖުވޭސް ކިޗަންގެ ޑެލިވަރީ އޯޑަރުތައް ނެގީ ވެސް ޖޫވޭއެކަނި. ދިވެހި ކުއްޖަކު ވެސް ނުގެނެވޭނެތާ ލޮކްޑައުން ދުވަސްވަރު،" އޭނާ ވިދާޅުވިއެވެ. ޕޭޖަށް ރެސިޕީ ލީމައި އޭނާއަށް ވެސް ވަރަށް ފަސޭހައެވެ. "ރެސިޕީ ހޯދަން ގުޅާ މީހުން ގާތުގައި ބުނެވޭނެތާ ޕޭޖްގައި ރެސިޕީ ހުންނާނެޔޭ،"

ޖުވޭ ވިދާޅުވީ ރެސިޕީތައް އުފައްދާ މީހުންގެ މަސައްކަތަކީ އަބަދުވެސް އެކަން ކަމަށެވެ. އެގޮތުން ޖުވޭ ވެސް ގެންދަވަނީ މިހާރު ވެސް އައު ރެސިޕީތައް ތައްޔާރު ކުރައްވަމުން ރައްކައުކުރައްވަމުނެވެ. ފޭސްބުކަށް އޭނާ ރެސިޕީ ލަނީ ވީހާ ވެސް ގިނަ މީހުންނަށް އެ ފޯރުކޮށް ދެއްވުމަށެވެ. އެހެން ކަމުން "މީހަކު ރެސިޕީ ނަގާފައި ބޭނުން ކޮށްފާނެތީ ޖުވޭ ކަންބޮޑެއް ނުވޭ. މިއީ ހާރޑް ކޮޕީގެ ދުވަސްވަރެއް ނޫން. އެހެން ނޫނަސް މިފޮތްތަކުގެ ހުރި ހުރިހާ ރެސިޕީ އެއްވެސް ފާސްކޮށްފައި ހުންނާނީ،" އޭނާ ވިދާޅުވިއެވެ.

ޖުވޭގެ މަސައްކަތުގައި މީހަކުވަނީ އޭނާއަށް ކެއްސެއްވެސް ދީފައެވެ. އޭނާގެ ކޮމްޕިޔުޓަރު ހަދަން އައި މީހަކުވަނީ "ރެސިޕީތައް ވަގަށް ނަގާފައި ވިއްކާލައިފައި. އެ ރެސިޕިތައް ވެސް ފޭސްބުކް ޕޭޖްގައި ހުންނާނެ. އަދި ވަރަށްގިނަ މީހުން ވެސް ބޭނުންއެބަކުރޭ. އެ ބޭނުންކުރާ މީހާއަށް ވެސް އެނގޭނެތާ އެއީ ޖުވޭގެ ރެސިޕީ އެއްކަން،" އޭނާ ވިދާޅުވިއެވެ.

"ޖުވޭގެ ރެސިޕީ އޭ ޖުވޭ މިކިޔަނީ ޖުވޭ ލިޔާ ރެސިޕއަކަށް ނޫން. އަމިއްލައަށް ތައްޔާރުކޮށް އަމިއްލަ ނަންދީފައި ހުންނަ ރެސިޕީތަކަށް. މިސާލަކަށް ދިވެހި ރެސިޕީއާއި އެކި ގައުމުތަކުގެ ރެސިޕީއަށް ކުދިކުދި ބަދަލު ގެނެސްފައި ވެސް ޖުވޭ ލިޔަން. އެރެސިޕީ ތައް ނުހިމެނޭ ޖުވޭގެ ރެސިޕީގެ ތެރެއަކު،" އޭނާ ވިދާޅުވިއެވެ. އެކި ގައުމުތަކުގެ ކާނާ ވެސް ދިވެހިކާނާއާ އެއްގޮތަށް ލިޔެފައިވާ ފޮތްތައް ހުންނާނެ ކަމަށް ޖުވޭ ވިދާޅުވިއެވެ.

"ވަރަށް ގިނަ ޝެފުންގެ އަމިއްލަ ރެސިޕީ ވެސް ހުންނާނެ. އަދި ކައްކާނީ ވެސް އަމިއްލަ ކުދިކުދި ބަދަލު ގެނެސްގެން،" އޭނާ ވިދާޅުވިއެވެ. އެފަދަ ރެސިޕީ ތަކުގެ ސޮފްޓް ކޮޕީވެސް މީހުންނަށް ދެއްވާ ކަމަށް ޖުވޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީހަކަށް ލިބިފައި ހުންނަ ހުނަރެއް އަނެކާއަށް ދަސްކޮށްދީ އަދި ފޮތްފޮތުގައި ނުލިޔާނަމަ ދުނިޔެ ވެސް އޮންނާނީ އޮންނަ ވަރެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. "އެކި އެކި ހުނަރު ވެރިން ލިޔާނެ، ކިޔައިދޭނެ، ދަސްކޮށްދޭނެ. އެކަމަށް އެމީހާ ޝައުގުވެރިވެ ކުރާހިތްވާނަމަ އެއީ އެކަން ގުދުރަތީގޮތުން ހަމަޖަހިފައި އޮންނަ އުސޫލު،" އޭނާ ވިދާޅުވިއެވެ.

ދުނިޔޭގައި ތިބޭނީ ކޮންމެ އުފެއްދުމެއް ވެސް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ބޭނުން ކުރާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. ޖުވޭ ހުރީ އޭނާގެ އުފެއްދުންތައް އިތުރުކޮށް މާކެޓަށް ނެރުމަށް ކެތްމަދުވެފައެވެ.