ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި އެެއަށް ވޯޓުނުދީ ފިލައިގެން އުޅުމަކީ އެމްޑީޕީގެ ސިފައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާމަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މޫސަ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބަޖެޓަށް ވޯޓު ނުދީ ފިލައިގެން އުޅުމުގެ ބަދަލުގައި ކެރިގެން ކުރިމަތިލައި ނޫނެކޭ ނުވަތަ އާއެކޭ ބުނަންޖެހޭނޭ ކަމަށެވެ.

ޕާޓީގެ ޕީޖީ ގްރޫޕުން ވިޕްލައިނެއް ނެރެފައިވާނަމަ އެއާ ޚިލާފްވީމައި ޕީޖީ ގްރޫޕުން ފިޔަވަޅު އެޅިޔަސް ނޭޅިޔަސް އިންތިޚާބަކަށް ނުކުތީމާ މެމްބަރުން އަޅާނޭ ފިޔަވަޅު އަޅާނޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މޫސަ މިގޮތަށް ޓުވީޓު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް އެމްޑީޕީގެ ބައެއް މެންބަރު ވޯޓުދީފައި ނުވާތީއެވެ. ބަޖެޓު ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވެފައިވަނީ 69 މެމްބަރުންނެވެ. އޭގެ ތެރެއިން ބަޖެޓު ފާސްވީ 61 މެންބަރުންގެ ވޯޓާއެކުގައެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓުދިނީ 8 މެމްބަރެެކެވެ.