މީޑިއާ ކައުންސިލުން ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި 10 ފަރާތަކުން އިނާމް ޙާޞިލުކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމް ހާޞިލުކުރި ފަރާތްތަކަށް އެވޯޑާއި އިނާމުތައް ހަވާލުކޮށްފައިވަނީ އެކަމަށްޓަކާ ރޭ ޓީވީއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިއަހަރުގެ އެވޯޑް ރަސްމިއްޔާތުގައި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމް ހޯދާފައިވަނީ ސަން އޮންލައިންގެ ނޫސްވެރިޔާ މުޙައްމަދު މުޒައްޔިނު ނާޒިމެވެ. މުޒައްޔިނުވަނީ ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާއިން ޕްރިންޓް އަދި އޮންލައިން ކެޓަގަރީންވެސް އިނާމް ހާޞިލުކޮށްފައެވެ.

އިޖުތިމާޢީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަމުގެ ދާއިރާއިން ޕްރިންޓް އަދި އޮންލައިން ކެޓަގަރީއިން އިނާމް ހާސިލް ކޮށްފައި ވަނީ ސަން އޮންލައިންގެ ޝަފްނާ ޙުސެއިންނެވެ.

ސިޔާސީ ދާއިރާގެ ލިޔުންތަކުގެ ބައިން އެވޯޑް ހާސިލްކޮށްފައި ވަނީ އަވަސް އޮންލައިންގެ މުހައްމަދު ވިޝާމް އެވެ. ޝަރުއީ ދާއިރާގެ ބައިން އެވޯޑް ހާސިލްކޮށްފައި ވަނީ މިހާރު އޮންލައިންގެ މުއިއްޒު އިބްރާހިމް އެވެ.

ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އެވޯޑް ހާސިލް ކުރީ އަވަސް އޮންލައިންގެ އީމާން އަންވަރު އެވެ. ކުޅިވަރު ދާއިރާ އާއި ފީޗާގެ ދާއިރާއިން އެވޯޑް ހާސިލް ކުރީ މުހައްމަދު ހަމްދޫން އެވެ. ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ ލިޔުންތަކުގެ ބައިން މިފަހަރުވެސް އެވޯޑް ހާސިލް ކުރީ އަވަސްގެ މުހައްމަދު އަފްރާހު އެވެ.

ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާއިން ބްރޮޑްކާސްޓިން ކެޓަގަރީން އެވޯޑް ހާސިލްކުރީ ރާއްޖެ ޓީވީގެ ސިމާހާ ނަސީމް އެވެ. އަދި ވީޓީވީގެ ޝުރުފާ ނަސީމްއަށް ބްރޮޑްކާސްޓިން ދާއިރާގެ ފީޗާގެ ރިޕޯޓް ކެޓަގަރީން އެވޯޑް ލިބުނު އިރު، ވީޑިއޯ ޖާނަލިޒަމްގެ އެވޯޑް ވެސް ހޯދާފައި ވަނީ އޭނާ އެވެ. ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން އެވޯޑް ހޯދީ މިހާރު ނޫހުގެ ނިޝާން އަލީ އެވެ.

ރޭގެ ހަފްލާގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި އެމްއެމްސީއިން ވަނީ އޭނާގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.