މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން، ފަތުރުވެރިކަމަށް ރަށް ހުޅުވާލުމާއިމެދު ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތްކަމަށް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ނުޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެގޮތުން ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު، އަލުން ގެސްޓްހައުސްތައް ހުޅުވުމަށް ނިންމައި އާންމު ރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި ޓޫރިޒަމް މިނިސްޓްރީއިން އަމަލުކުރަމުންއައި އުސޫލަށް، ބަދަލު ގެނައީ ހާލަތު ރަނގަޅުވަމުން އަންނަ އައުމަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އަމަލުކުރަމުންއައި އުސޫލަށް ބަދަލުގެނެވުނު ކަމުގައިވީ ނަމަވެސް، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެގޮތުން މިފަދަ ތަންތަނުގައި އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އެކުލަވާލައި އާންމުކުރައްވާފައިވާ ގައިޑްލައިން "ޕަބްލިކް ހެލްތް އިންޓަވެންޝަންސް ޓު ރިޑިއުސް ދި ރިސްކް އޮފް ޓްރާންސްމިޝަން އޮފް ކޮވިޑް-19 އިން ދި ޓޫރިޒަމް ސެކްޓަރ" ގައި ބަޔާންކޮށްފަވާފައިވާ ފަދައިން ރަށެއް ހުޅުވާލުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވާކަން ކައުންސިލްތަކާއި އަދި ގުޅުންހުރި އެހެން އިދާރާތަކާއިއެކު ޓޫރިޒަމް މިނިސްޓްރީން ބަލަމުން ގެންދާނެކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ގައިޑްލައިންގައި ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަން ބަޔާންކޮށް ޓޫރިޒަމް މިނިސްޓްރީއަށް ހުށައަޅަމަށް އާ ފޯމެއް ކައުންސިލްތަކަށް ފޮނުވާނެ ކަމަށާއި 15 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް ހުޅުވުމަށް މިގޮތުގެމަތިން އަމަލުކުރަމުން ގެންދިއުމަށް ލޯކަލް ކައުންސިލްތަކަށް އަންގާފައުވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.