މިދުވަސްވަރަކީ ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ ސަރަހައްދުތަކަށް ދުރު ފެންނަ މިންވަރު ދަށްވެފައިވާ ދުވަސްވަރެކެވެ.

މިއީ ކޮންމެ އަހަރަކު ޑިސެމްބަރު މަހުން ފެށިގެން މާރިޗު މަހާ ހަމައަށް ރާއްޖެއަށް ކުރިމަތިވާ މައްސަލައެކެވެ. މިއަދުވެސް ރާއްޖެ މަތީން ފެންނަ ބަނަފިނީގެ މިންވަރު ވަނީ އިތުރުވެފައެވެ. މިކަން މިވާގޮތް މެޓު އޮފީހުން ވަނީ ކިޔައިދީފައެވެ.

މިދުވަސްވަރަކީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ ދުވަސްވަރެކެވެ. އެހެން ކަމުން ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން ވަޔާއެކު ބޭއޮފްބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް އާދެއެވެ. މީގެ ސަބަބުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދު ތަކުގައި ވައި ނުސާފުވެ ދުރުފެންނަ މިންވަރު ދަށްވާ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މެޓު އޮފީހުން މިދިޔަ އަހަރު ބުނެފައިވަނީ އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެ އިތުރުވިނަމަވެސް، 2021 ވަނަ އަހަރުގެ މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރު 4-5 ކިލޯމީޓަރަށް ދަށްވި ކަމަށެވެ.

މި ބަނަފިނީގެ ސަބަބުން ނޭވާލާން އުނދަގޫވެދާނެއެވެ. ޚާއްސަކޮށް ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް މާބޮޑަށް އުނދަގޫވުން ގާތްކަމަށް މެޓުން ވަނީ ބުނެފައެވެ.

މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުން ކުރުމުގައި ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް ވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.