ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތްކުރި 165 ރޯހަރުސް ނިންމުމަށްފަހު ރަސްމީކޮށް އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.

މިއީ އެ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ހިންގި މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ފަށައިފައިވަނީ 2011 ވަނަ އަހަރުއެވެ. އެހެންނަމަވެސް ދިމާވި އެކި ސަަބަބުތަކާހެދި މަޝްރޫއުވަނީ ހުއްޓިފައެވެ.

ކުޅުދުއްފުށްޓަކީ ބޮޑުތިލަތުންމަތީގެ އެންމެ އާބާދީ ބޮޑު ސިޓީއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށްޓަކައި މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައި އެ އަހަރުގެ އޭޕްރީލްމަހު ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. އަދި މަސައްކަތް ނިންމާ މިދިޔަ ހަފްތާގައި ވަނީ ރޯހައުސްތަކަށް މީހުން ވައްދާފައެވެ.

އިއްޔެ އެސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރޯހައުސްތައް ސިޓީކައުންސިލާ ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު އެޕްރީލް މަހު އެ ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާނޭ ކަަމަށެވެ.