ޕާކިސްތާންގެ ސިޔާސީ މަސްރަހް ފިނިކުރުމަށް އިދިކޮޅު ފަރާތްތަކާ ޝަރުތުތަކާއެކު މަޝްވަރާ ކުރެއްވުމަށް ބޮޑު ވަޒީރު އިމްރާން ޚާން ހުށަހެޅުއްވުމުން އިދިކޮޅު ފަރާތްތަކުން އެކަމަށް އިންކާރުކޮށްފިއެވެ. ބޮޑު ވަޒީރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޝްވަރާއަށް ދައުވަތު ދެއްވީ އިދިކޮޅުގެ ގުޅިފައިވާ އިއްތިހާދުން ޕާލަމެންޓާއި ސަރަހައްދީ މަޖިލިސްތަކުން އިސްތިއުފާ ދިނުމަށް އިންޒާރު ދިނުމާ ގުޅިގެންނެވެ.
އިދިކޮޅު އިއްތިޙާދު، ޕާކިސްތާން ޑިމޮކްރެޓިކް މޫވްމަންޓްގެ ރައީސް މައުލާނާ ފަޟުލުއްރަޙްމާން ވިދާޅުވީ، ޑިސެމްބަރު 31 އާ ހަމައަށް ޕާލަމެންޓްގެ މެންބަރުކަމާއި ސަރަހައްދީ މަޖިލިސްތަކުގެ މެންބަރު ކަމުން އިދިކޮޅު މެންބަރުން އިސްތިއުފާ ދެއްވުމަށް އެބޭފުޅުންގެ އިސްތިއުފާގެ ސިޓީ ޕާޓީ ލީޑަރުންނަށް ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް މި ސިޓީތައް މަޖިލިސްތަކުގެ ރައީސުންނާ ހަމައަށް ގެންދާނީ ކޮންއިރަކު ކަމެއް މައުލަނާ ވިދާޅެއް ނުވެއެވެ.
އެހެން ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެންމެން އެއްކޮށް އިސްތިއުފާ ދީފިނަމަ، ބައި އިލެކްޝަންއެއް ބާއްވަވާނެ ކަމަށެވެ.
އަދި ޚާން ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާއަށް ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް ސިޔާސީ ލީޑަރުންނަށް ތުހުމަތު ކުރެވިފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ މެދު ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.
ޕާކިސްތާން ޕީޕަލްސް ޕާޓީގެ ރައީސް ބިލާވަލް ބުއްޓޫ ޒަރްދާރީއާއި ޕާކިސްތާން މުސްލިމް ލީގް (ނ)ގެ ރައީސް މަރްޔަމް ނަވާޒް އާއެކު މައުލާނާ ފަޟުލުއްރަޙްމާން ބޭސްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ސަރުކާރާ މަޝްވަރާ ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އޭނާ ބޮޑުވަޒީރު ޚާން ސިފަ ކުރެއްވީ ފޭކް ބޮޑު ވަޒީރުގެ ގޮތުގައެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އިމްރާން ޚާން ވެރިކަމަށް ވަޑައިގަތީ ސިފައިންގެ މަދަދާއެކު އޮޅުވާލާފައިވާ އިންތިޚާބަކުންނެވެ.