ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކަ އެންމެ ގިނައިން ދައްކަވަމުން ގެންދަވާ ސިޔާސީ ލީޑަރަކީ ރައީސް މުހައްމަދު ނަޝީދެވެ.

އެމަނިކުފާނު ބޭނުންފުޅުވަނީ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރާށެވެ. އެކަމަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވައިފައެވެ.

ރާއްޖޭގައި މިހާރުއޮތް ރިޔާސީ ނިޒާމަކީ ވެސް ރައްޔިތުން ވޯޓުލައިގެން ގެނެސްފައިވާ ނިޒާމެކެވެ. އަނެއްކާ އަލުން ރައްޔިތުން ބޭނުންވާ ގޮތް ބެލުމަށް ނިޒާމީ ވޯޓެއް ނެގުމަކީ މައްސަލައެއް ނޫނެނެވެ. އެހެންނަމަވެސް އެކަމަށް ފައިސާ ބޭނުންވެއެވެ. އެފައިސާ ނެތިއްޔާ ހޯދަން ވެސް ޖެހެއެވެ.

ރައީސް ނަޝީދު ވެރިކަމުގެ ނިޒާމީ ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން ޓްރާންސްޕޯޓު މިނިސްޓަރގެ ނާއިބު ސައުދުﷲ އަހުމަދު ވަނީ އެކަމަށް ރައްދެއް ދެއްވައިފައެވެ. ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ފައިސާނެތި ބަނގުރޫޓުވަމުންދާ ވާހަކަ ދައްކަވަނީ ރައީސް ނަޝީދު ކަމަށެވެ. އަނެއްކޮޅުން ވެރިކަމުގެ ނިޒާމާބެހޭ ވޯޓުގެ ވާހަކަވެސް ދައްކަވަނީ އެމަނިކުފާނު ކަމަށެވެ. ނިޒާމީ ވޯޓަށް ވެސް 400 މިލިއަން ރުފިޔާ ޚަރަދު ވާނޭ ކަމަށާއި އެފައިސާގެ މައްސަލަ ހައްލުވާނެތޯ އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.

"ރައިސް ނަޝީދު ނިޒާމީ ވޯޓުގެ ވާހަކަ ދައްކަވާއިރު މަނިކުފާނު ނޫންތޯ ވިދާޅުވަމުން ތިޔަގެންދަވަނީ ރާއްޖޭގެ މާލީހާލަތު ބަނގުރޫޓުވާނޭ ކަމަށް. ދެ ދުވަހަށްވާ ފައިސާ ނެތްކަމަށް. ސުވާލަކީ ނިޒާމީ ވޯޓަށް 400 މިލިއަން ވަރަކަށް ޚަރަދު ކުރާއިރު ފައިސާގެ މައްސަލަ ހައްލުވާނެތޯ؟" ސައުދު ގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.