އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާތަކަކަށް އަމިއްލައަށް އިއުތިރާފުވެ ވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެއިން ހުޅުމާލެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވުމާ ގުޅިގެން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

އަދީބު ގޭބަންދަށް ބަދަލުކުރެއްވީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ކަރެކްޝަންސްއިން ބުނެއެވެ. ނަމަވެސް މާލާ ގައި ދިރިއުޅުއްވުމަށްފަހު މިހާރު އަދީބު ވަނީ ހުޅުމާލޭ އަމީން އެވެނިޔު ގައި ހުރި ފްލެޓަކަށް ބަދަލުވެ ވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ޚިޔާނާތްވި މީހުން އެތިބީ ހުކުމަށްފަހުވެސް އަރާމުގައި އަމިއްލަ ގޭގައި ކަމަށާއި 800 އަހަރުގެ ހުކުމްވެސް ބަދަލުވެއްޖެ ކަމަށެވެ.

"ބޮޑެތި ކުށްތަކަށް މީހުން ފަސްޖެހޭނެ ސަބަބެއް މިހާރު އެބައޮތްބާ؟ ހައިރާންވަނީ ޤައުމުގެ ވެރިން މުޖްރިމެއްގެ އަތްދަށުގައި މިވަރަށް ތާށިވީމާ. މިހެން ކަންކަން ވާން ޖެހޭ ހާދަހާވާ ބޮޑެތި ސަބަބުތަކެއް ފަހަތުގައި އޮންނާނެއޭ!! ނޫނީ ކޮން ފަދަ މަސައްކަތެއް ހަވާލުކުރީބާ؟ މިއީ ހުސް ރަައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަން." ޖަމީލް ވިދާޅުވިއެވެ.

https://twitter.com/MJameelAhmed/status/1336583651513913344

އަދީބު ގޭބަންދުގައި ހުންނަވާތީ ސަރުކާރަށް ފާޑުކިއުން އަމާޒުވަމުން ދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ގެ ބަދަލު ވެފައިވަނީ މާލޭގައި ދިރިއުޅުއްވަމުންދިޔަ ގެއިން ނިކުންނަށް ޖެހި ވަޑައިގަތުމުންނެވެ.