ކުރީގެ ސަރުކާރުތަކުން ކުދި ރަށްތަކުގެ ތަރައްޤީއަށް އިހުމާލުވެފައިވިޔަސް މި ސަރުކާރުން ކުދި ރަށްތަކަށް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށް ބ. އަތޮޅު މާޅޮހު ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެކައުންސިލުން މިހެން ވިދާޅުވީ އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލީހާ އެކު މިއަދު މެންްދުރުފަހު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި މާޅޮހު ކައުންސިލް މެންބަރުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހުރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް މާޅޮހުގައި ފެނާ ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު ވެސް ފަށައިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފައެވެ. އެގޮތުން، ރަށުގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި ކައުންސިލުން ވަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ރައްޔިތުން އެދޭ ކަމަށް ރައީސަށް ދަންނަވާފައެވެ. މީގެ އިތުރުން ވެސް މާޅޮހު ކައުންސިލްގެ އިޙްތިޞާޞްގައި ހިބަޅިދޫ ހިމަނައިދިނުމަށާއި، ބަނދަރާއެކީ ރަށްގިރުމުގެ މައްސަލައާއި ދޯނި ފަހަރު އެހެލުމަށް ބޭނުންވާ ސަރަޙައްދެއް ހަމަޖައްސައިދިނުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ. ހަމައެއާއެކު މިސްކިތުގެ ޖާގަ ކުޑަވުުުުމުން ދިމާވާ ދަތިތަކާއި، ދީނީ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށާއި، ކުޅިވަރު ކުޅޭނެ ވަޞީލަތްތައް ބޭނުންވާކަން ކައުންސިލުން ވަނީ ރައީސަށް ދަންނަވައިފައެވެ.
މާޅޮހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވެސް ވަނީ ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިޙްތިޞާޞްގައި ހިމަނައިދެއްވުމަށް އެދި ދަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާޅޮހުގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކައުންސިލްތަކާއެކީ މަޝްވަރާކުރައްވައިގެން ރައްޔިތުން އެންމެ އެދޭގޮތަށް ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރިޔަށްގެންދެވޭތޯ މަސައްކަތްކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.