ރައްޔިތުންގެ ފައިސާއިން ނަޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު މަޤާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުމަކީ އަމާޒެއް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރްޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަނުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ޝިއުނާ ވިދާޅުވީ މި ދުވަސްވަރަކީ، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ނިސްބަތުން ބޮޑު ހޭދައެއް ކުރަމުންދާ ދުވަސްވަރަކަށްވެފައި އަދި ޤައުމުގެ ޞިއްހީ ނިޒާމަށް ބާރު ބޮޑުވެފައިވާ ދުވަސްވަރަކަށްވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ލިބުނު އެންމެ މުހިންމު އެއް ފިލާވަޅަކީ ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއްނެތި ރައްޔިތުންގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަން ފަސްނުޖެހޭނެކަން ކަމަށެވެ.
އަދި ސިއްހީ ނިޒާމަށް އެކަށީގެންނުވާ މިންވަރަށް މުޖުތަމަޢުގެ އާންމު ޙާލަތު ގޮސްދާނެކަމުގެ ބިރު ހީވެފައިވާ މިފަދަ ދަނޑިވަޅެއްގައިވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ކޮރަޕްޝަނުގެ ޙާލަތު އިތުރުށް ގޯސްވަމުންދާކަން ފާހަގަކުރެވޭ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
މި ބަލިމަޑުކަމުގެ ދުވަސްވަރާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމްލަ 34 ޝަކުވާއެއް އޭސީސީއަށް ހުށަހެޅިފައިވާ ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.
"ޞިއްޙީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ވިސްނުމަކީ، މިފަދަ ޙާލަތެއްގެ ނަޖާއިޒު ފައިދާ ނަގައި، ނުޙައްޤު މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަން އެފަރާތްތަކުންވެސް ހަނދާންކުރަންޖެއެވެ. އޭސީސީގެ އަމާޒަކީ، ރައްޔިތުންގެ ފައިސާއިން ނަޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު މަޤާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުމެވެ" ޝިއުނާ ވިދާޅުވިއެވެ.
އަދި މިކަންކަން ކުރިއަށްދިއުމުގެ ހިތްވަރު ލިބިގެންދާނީ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.