ރ. އަތޮޅު ކިނޮޅަހުގައި ސަރުކާރުންް ތަރައްގީ ކުރަމުންއަންނަ ބަނދަރުގެ އެންމެ ފަހުގެ މައުލޫމާތު އެމްޓީސީސީން ހާމަކޮށްފިއެވެ. އެތަނުން ބުނެފައިވަނީ އެ މަޝްރޫގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. އެގޮތުން މުޅި މަޝްރޫއުގެ 71 ޕަސެންޓް މިހާތަނަށް ވަނީ ނިމިފައެވެ.

އެ މަސައްކަތުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެސްފައި ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.