ޚިޔާލު ތަފާތުވެފައިވާ، ޗާގޮސް މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތު ދެއްވައިފިއެވެ. މައުލޫމާތު ދިނުމުގެ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އިސްކަންދަރު ސްކޫލުގައެވެ. މިކަމާބެހޭ މައުލޫމާތު ދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި، ދައުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތެވެ.

މިއީ މޮރިޝަސްއާ ރާއްޖެއާ ދެމެދު މިހާރު ކުރިއަށްދާ މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތުދިނުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ދަންފަޅިއެކެވެ.

މި ދަންފަޅިގައި މައުލޫމާތު ދީފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ. މި ދަންފަޅީގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސް ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންނެވެ.