ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑޯގް ސްކޮޑަށް އަލަށް ގެނަައި 10 ކުއްތާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މިއީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ޚާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ 10 ކުއްތާ ކަމަށެވެ. މި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހަކު ވެސް ވަނީ ތަމްރީން ކޮށްފައެވެ.

މި ކުއްތާތައް ރާއްޖެއަށް ގެނެސްފައިވަނީ މިއަހަރު ޖުލައިމަހުގައެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ މި ކުއްތާތައް ބޭނުންކޮށްފައިވަނީ ނޮވެމްބަރ މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނުގައެވެ.

ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތަކާއި، ކަސްޓަމްސްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެެންޓުތަކުގައިވެސް ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޑޯގް ސްކޮޑަށް ގެނައި މި 10 ކުއްތާއާއެކު އެ ސްކޮޑުގެ އަދަދު ވަނީ 25 އަށް އަރައިފައެވެ. ޑޯގް ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު ތަފާތުއެކި އޮޕަރޭޝަންތައް ފުލުހުން ހިންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.