މާފަރު އެއަރޕޯޓްގެ ފިޔަވަހި ދޭއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) މިއަދު ހަވާލުކޮށްފި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"ޑިވެލޮޕްމަންޓް އެންޑް އެކްސްޕެންޝަން އޮފް މާފަރު އެއަރޕޯޓް ފޭސް 2" އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރުއަށް ޚަރަދުކުރަނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓާއި ދިވެހި ސަރުކާރުންނެވެ. އަބޫދާބީ ފަންޑުން 27.1 މިލިއަން ޑޮލަރު ޚަރަދުކުރެއެވެ. ދިވެހި ސަރުކާރުން ޚަރަދު ކުރުމަށް ހަަމަޖެހިފައިވަނީ 25.1 މިލިއަން ރުފިޔާއެވެ. އެއީ ޖީއެސްޓީއެވެ.

މި މަޝްރޫއުގެ ދަށުން ބޯއިން މަރުކާގެ ބޮޑެތި ބޯޓް އޮޕަރޭޓް ކުރެވޭ ވަރަށް ރަންވޭ ބޮޑުކުރެވޭނެެއެވެ. އޭގެއިތުރުން ރަންވޭ އިތުރު 650 މީޓަރ ދިގުކޮށް ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިންހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، މިހާރު ބޭނުން ކުރެވޭ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކުރުމުގެ އިތުރުން ޓެކްސީވޭ ފުޅާ ކުރާނެއެވެ. އަދި އޭޖީއެލް އަޕްގްރޭޑް ކުރުމުގެ އިތުރުން ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުން މި މަޝްރޫއުގައި ހިމެނެއެވެ.

މި މަސައްކަތް އެމްޓީސީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.