އިއްޔެ ފެށި މ. މުލަަކު ކައުންސިލްގެ ''ހޯކޯމާރު ފުޓުސަލް ޗެލެންޖް 2022'' ގެ ފައިނަލަށް ގެލެކްސީ 2 އާއި ހާސިލް ދަތުރުކޮށްފިއެވެ. މި ދެޓީމް ފައިނަލަށް ދިޔައީ އެންމެގިނަ ޕޮއިންޓް ހޯދި ދެޓީމުގެ ގޮތުގައެވެ.

މިއީ މި އަހަުރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ މުބާރާތެކެވެ. މުލަކު ފުޓްސެލް ދަނޑުގައި ކުރިއަށްދާ މި މުބާރާތް ފަށްޓަވައި ދެއްވައިފައިވަނީ މުލަކަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްއެވެ. މި މުބާރާތުގައި މުލަކުގައި މަސްވެރިކަންކުރާ ހަތް ދޯނީގެ ތެރެއިން ހަތަރު ދޯންޏަކުން ބައިވެރިވެފައިވެއެވެ. އެއީ "ހާސިލް" ދޯންޏާއި "ބްލޫފިން" އަދި "ގެލެކްސީ 2" އާއި "އުފާ" އެވެ.

އިއްޔެ ހަވީރު 4:00 ފެށުނު މި މުބާރާތުގައި ހަތަރު މެޗެއް ކުޅުނެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ''ހާސިލް'' ޓީމާއި ''ބްލޫފިން'' ޓީމެވެ. މި މެޗު ފަސްލަނޑު ތިން ލަނޑުން ކާމިޔާބުކުރީ ''ހާސިލް'' ޓީމުންނެވެ. މި މެޗުގެ މޭން އޮފް ދި މެޗް އަށް ހޮވިފައިވަނީ ''ހާސިލް'' ޓީމުގެ ސިރާޖް އަލީއެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ''ގެލެކްސީ 2'' އާއި ''އުފާ'' މިދެ ދޯނީގެ ދެޓީމެވެ. މި މެޗު ކާމިޔާބު ކޮށްފައިވަނީ 6 ލަނޑު ޖަހައިގެން ޓީމް ''ގެލެކްސީ''އެވެ. މި މެޗުގައި ޓީމް ''އުފާ'' އަކަށް އެއްވެސް ލަނޑެއް ޖެހިފާކައެއްނުވެއެވެ. މި މެޗުގެ މޭން އޮފް ދަ މެޗް އަށް ހޮވިފައިވަނީ ''ގެލެކްސީ 2'' ޓީމުގެ މުހައްމަދު ސަައުދުއެވެ.

ރެޔާއި މިއަދު ހެނދުނުވެސް މި މުބާރާތުގެ ކުޅުންވަނީ ކުރިއަށްގެންގޮސްފައެވެ. ރޭގަ ކުޅެފައިވަނީ މުބާރާތުގެ ތިންވަނަ އަދި ހަތަރުވަނަ މެޗުތަކެވެ. ތިންވަނަ މެޗުގައި ބައްދަލު ކުރީ ''އުފާ'' އަދި ޓީމް "ބްލޫފިން" އެވެ. މި މެޗް ކާމިޔާބު ކޮށްފައިވަނީ 12 ލަނޑުން 0 ލަނޑުން ޓީމް "ބްލޫފިން" އެވެ. މި މެޗުގެ މޭން އޮފް ދަ މެޗް އަށް ހޮވިފައިވަނީ "ބްލޫފިން" ޓީމުގެ އަހުމަދު ސައީދެވެ.

މި މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ''ހާސިލް'' އަދި ''ގެލެކްސީ 2'' މި ދެ ޓީމެވެ. މި މެޗު ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗް އަށް ހޮވިފައިވަނީ ޓީމް ''ގެލެކްސީ 2''ގެ އަބްދުލް މުއީނެވެ.

މި މުބާރާތުގައި މިއަދު ހެނދުނު ދެ މެޗެއްކުޅެފައިވެއެވެ. ފުރަތަމަ ކުޅުނީ ޓީމް ''އުފާ'' އަދި ''ހާސިލް'' އެވެ. 9 ލަނޑު 2 ދެ ލަނޑުން މި މެޗު ކާމިޔާބު ކޮށްފައިވަނީ ޓީމް ''ހާސިލް'' އެވެ. މި މެޗުގެ މޭން އޮފް ދަ މެޗް އަށް ހޮވިފައިވަނީ ޓީމު ''ހާސިލް'ގެ ސިރާޖް އަލީއެވެ.

ދެވަނައަށް ކުޅެފައިވަނީ ''ގެލެކްސީ 2'' އަދި ޓީމް "ބްލޫފިން" އެވެ. މި މެޗުގައި 5 ލަނޑު 3 ލަނޑުން ކަމީޔާބު ކުރީ ޓީމް ''ގެލެކްސީ 2'' އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަަގާމަށް ހޮވިފައިވަނީ ޓީމް ''ގެލެކްސީ 2'' ގެ އަލީ ސައުދެވެ.

މުލަކު ކައުންސިލުން އިސްނަގައިގެން، އ.ތ.މ ކޮމެޓީއާއި، ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް (ސެލް) އާއި ގުޅިގެން ކުރިއަށް މި މުބާރާތަކީ މަސްވެރިންނަށް ޙާއްސަކޮށްގެން ކުރިއަށްދާ މުބާރާތެކެވެ. ދެދުވަހަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރުއެވެ.