ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކުޑައަމަލެއް ހިންގަންވެސް ރުހިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ޤާނޫނީ އިމުގެ ތެރެއިން، ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުޢާމަލާތްތައް ހިންގުމަށް އަބަދުވެސް އިރުޝާދު ދެމުންގެންދަވާކަމަށެވެ. ހަމައެފަދައިން ދައުލަތުގެ އެއްވެސް އިދާރާއެއްގައި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް ޢަމަލެއް ހިނގާނަމަ، އެކަމެއް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެދޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން، ޢާއިލާއާއި މުޖްތަމަޢުގައި ވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވާންޖެހޭ ކަމަށެވެ. އެކަން އެގޮތަށް ވެއްޖެނަމަ ކޮރަޕްޝަންގެ ވަބާއިން މުޖްތަމަޢު ސަލާމަތްކުރުމަކީ އުނދަގޫ ކަމަކަށް ނުވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.