މަސްވެރިންގެ ދުވަހާއި ގުޅިގެން މ.މުލަކުގައި ބޭއްވި "ހޯކޯމާރު ފުޓްސަލް ޗެލެންޖް 2022" ގެ ޗެމްޕިއަންކަން ހާސިލް ޓީމުން ހޯދައިފިއެވެ.

އެ ޓީމުން މި މުބާރާތް ކާމިޔާބުކުރީ ގެލެކްސީ 2 އާ ފައިނަލުގައި ބައްދަލުކޮށް އެއްލަނޑު ސުންލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހާސިލް ކޮށްފައިވަނީ ހާސިލް ޓީމުގެ ހުސެއިން އިބްރާހިމެވެ.

މިއީ މަސްވެރިންނަށް ޚާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ. މުބާރާތުގައި ފައިނަލްމެޗު ކުޅެފައިވަނީ އިއްޔެ ހަވީރު 4:00 ގައި މުލަކު ފުޓުސަލް ދަނޑުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މުލަކު ދާއިރާ ގެ މެމްބަރު އިބްރާހީމް ނަސީރެވެ.

މި މުބާރާތުގައި 4 ޓީމުން 65 މަސްވެރިން ބައިވެރިވިއެވެ. މި މުބާރާތުގައި ބައިވެރިވެ އެކި ވަނަތައް ހޯދި ކުޅުންތެރިންނަށް ވަނީ އިނާމު ދީފައެވެ. މުބަރާތުގެ ރަނަރއަޕް ޓީމަށް ހޮވިފައިވަނީ ޓީމް ގެލެކްސީ 2 އެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް އުފާ އެވެ. މުޅިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޯދީ ހާސިލް ޓީމުގެ ސިރާޖު އަލީ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެ ޓީމުގެ ކޯޗް އާދަމް ޝަހީމެވެ. މި މުބާރާތުގެ އެންމެ ދުވަސްވީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުފާ ޓީމުގެ މުހައްމަދު މޫސާފުޅުއެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން :

  • ސިރާޖް އަލީ (ޓީމް ހާސިލް)
  • އަބްދުއްﷲ މުއީން (ޓީމް ހާސިލް)
  • ހުސެއިން އިބްރާހިމް(ޓީމް ހާސިލް)
  • އަލީ ސައުދު (ޓީމް ގެލެކްސީ2)
  • އަހުމަދު ސައީދް (ޓީމް ބްލޫފިން)

މުލަކު ކައުންސިލުންވަނީ އެރަށުގައި މަސްވެރިކަންކުރާ ހަތް ދޯންޏަކަށް ' ކޮއްތު ހަދިޔާ'' ނަމުގައި ވައުޗާރ ކާޑެއްވެސް ދެއްވާފައެވެ. މި ވައުޗަރއިން ކޮންމެ ދޯންޏަކަށްވެސް ކެއްކުމަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ ބައެއް ބާވަތްތައް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާދެއްވާފައެވެ.

ހަލިނިއުސް އަށް އިންޓަރވިއު ދެއްވަމުން މުލަކު ކައުންސިލްގެ ރައީސް އަޙުމަދު ޖަމާލު ވިދާޅުވީ މި މުބާރާތަށް ހީނުރާހާ ތަރުހީބެއް ލިބުނު ކަމަށެވެ. ކުރިއަށް އޮތް އަހަރުތަކުގައިވެސް މަސްވެރިންގެ ދުވަސް މި އަށްވުރެ ކުލަގަދަކޮށް ފާހަގަ ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. ރަށުގެ ރައްޔިތުންނާއި ރައީސްގެ ނަމުގައި ވަނީ ކައުންސިލްގެ އިތުރުން، އެހީތެރިކަން ފޯރުކޮށްދެއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި މުލަކުގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ 'ސެލް' އަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.