ދެރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ދެ އޮޕަރޭޝަން ހިންގާފައިވަނީ ދ. މީދުއާއި ބ. ތުޅާދޫގައެވެ.

ފުލުހުން ވިދާޅުވީ މީދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ތުޅާދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މި މަސައްކަތުގައި، ތުޅާދޫ ޕޮލިހާއި އޭދަފުށީ ޕޮލިހާއި އިންޓެލިޖެންސް ބައިވެރިވެފައިވެެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފަައިވަނީ 20 އަހަރުގެ ދިވެހިި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނުމާ ގުޅިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. އެނާ ހައްޔަރުކޮށްފައިވަނީ މި މަހު ހަތް ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.