މިރޭ ގދ. ފަރެސްމާތޮޑާގައި ބޭއްވި 42 ވަނަ މަސްވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފައެވެ. އެފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރިމެހުމާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

ޒުވާން ކެޔޮޅު: ފަރުޙާން ޒާހިރު

ހުވަދު އަތޮޅު ދެކުނުބުރިން ހޮވާލެވޭ ކެޔޮޅުންގެތެރެއިން، އެންމެ ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންދާ ޒުވާން ކެޔޮޅަކަށް ހޮވިފައިވަނީ ގދ. މަޑަވެލި ކެލަމް ހައުސް ފަރުޙާން ޒާހިރެވެ.

އޭނާގެ ޚިދުމަތުގެ އަގުވަޒަންކޮށް މިރޭ ވަނީ ހަނދާނީ ފިލާ ދެއްވައިފައެވެ. އޭނާއަކީ ޓީ.އެސް.ލައިން ދޯނީގެ މިހާރުގެ ކެޔޮޅެވެ. އޭނާވަނީ ވަރަށް ޅަ އުމުރުގައި މަސްވެރިކަމުގެ ދާއިރާއަށް ނުކުމެފައެވެ. މަސްވެރިކަމުގައި އޭނާ ވަނީ ސާދަ އަހަރު ހޭދަކޮށްފައެވެ.

އެންމެ ގިނައިން މަސްކިރުވި އުޅަނދު: ޓީއެސްލައިން

މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި އުޅަނދަކަށް ހޮވިފައިވަނީ ގދ. މަޑަވެލި، [ޓީ.އެސް ލައިން] އެވެ.

އެ ދޯނި ބަނދެ މަސްވެރިކަމަށް ނެރެފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މަސްވެރިކަމުގެ ދާއިރާޔަށް ޒުވާނުން ޝައުގުވެރިކުރުވުމުގެ ގޮތުން

ގިނަ ޕްރޮގްރާމްތަކެއް ދޯނީގެ ވެރިފަރާތުން ދަނީކުރަމުންނެވެ.

ދެވަނައަށް އެންމެގިނައިން މަސްކިރުވި ދޯނި: ކަމަނަ

މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި ދެވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ އުޅަނދަށްދޭ ހަނދާނީ ފިލާ ހާސިލްކޮށްފައިވަނީ ގދ. މަޑަވެލި، [ކަމަނަ] ދޯންޏެވެ.

މިދޯނި މަސްވެރިކަމަށް ނެރެފައިވަނީ މީގެ 8 އަހަރު ކުރިންނެވެ. އެދޯނީގައި ޖުމްލަ 37 ފަޅުވެރިން މަހަށްފުރައެވެ. ކަމަނަ ދޯންޏަކީ އެންމެ ގިނައިން މަސް ކިރުވި ދޯނިތަކުގެ ތެރޭގައި ހިމެނި މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުވެސް އިނާމު ހާސިލުކޮށްފައިވާ ދޯންޏެކެވެ.

ތިންވަނައަށް އެންމެގިނައިން މަސްކިރުވި ދޯނި: ހުޝިޔާރު

މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި ތިންވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ ދޯންޏަށްދޭ ހަނދާނީ ފިލާ ހާސިލް ކޮށްފައިވަނީ ގއ. މާމެންދޫ، [ހުޝިޔާރު] ދޯންޏެވެ.

އެދޯނި މަސްވެރިކަމަށް ނެރެފައިވަނީ 2018 ވަނަ އަހަރު އެވެ. އެ ދޯނީގައި 30 ފަޅުވެރިން މަހަށް ފުރައެވެ. ހުޝިޔާރު ދޯންޏަކީ މަސްވެރިކަމުގެ ތަފާސް ހިސާބު މިނިސްޓްރީއަށް ގަވާއިދުން ފޮނުވާކަން ފާހަގަކޮށްލެވޭ، ނަމޫނާ ދޯންޏެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ބޮޑު ކަންނެލި މަސްވެރިކަމުގައި އެންމެގިނަ މަސްކިރުވި ދޯނި: ހައިސަމް

2021 ވަނަ އަހަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވައިގެން ދިދަ އާއި ހަނދާނީ ފިލާ ހޯދައިފައިވަނީ ބ. ތުޅާދޫ، [ހައިސަމް] ދޯންޏެވެ.

އެއީ 2007 ވަނަ އަހަރު މަސްވެރިކަމަށް ނެރެފައިވާ ދޯންޏެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ކުޅަދާނަ ފަޅުވެރިންތަކެއް އެދޯނީގައިވަނީ މަހަށް ފުރާފައެވެ. އެ އުޅަނދަކީ ޒަމާނީ މަސްވެރިކަމުގެ ވަސީލަތްތަކާއެކު މަހަށްފުރާ އުޅަނދެކެވެ.

ބޮޑު ކަންނެލި މަސްވެރިކަމުގައި ދެވަނައަށް އެންމެގިނަ މަސްކިރުވި ދޯނި: އަލަމާ 6

2021 ވަނަ އަހަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި ދެ ވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ އުޅަނދަށް ދޭ ހަނދާނީ ފިލާ ހާސިލް ކުރީ ދ. މީދޫ، [އަލަމާ 6] އެވެ.

ފާއިތުވި 12 އަހަރު ދުވަހު އަލަމާ 6 ދޯނީގެ ވެރިފަރާތުން ވަނީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރެ، ތަމްރީންކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގަވާފައެވެ. މި ދޯންޏަކީ އެންމެ ގިނައިން މަސް ކިރުވި ދޯނިތަކުގެ ތެރޭގައި ހިމެނި މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުވެސް އިނާމު ހާސިލުކޮށްފައިވާ ދޯންޏެކެވެ.

ތިންވަނައަށް އެންމެ ގިނައިން މަސްކިރުވި ދޯނި: އަސްރުމާ 3

2021 ވަނަ އަހަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި ތިންވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ ދޯންޏަކަށްދޭ ހަނދާނީ ފިލާ ހާސިލްކުރީ އދ. މަހިބަދޫ، [އަސުރުމާ 3] އެވެ.

އަސުރުމާ 3 ބަނދެ، މަސްވެރިކަމަށް ނެރެފައިވަނީ މީގެ 9 އަހަރު ކުރިންނެވެ. އދ. މަހިބަދޫ ސްކޫލުން ކިޔަވާ ނިންމާ ގިނަ ދަރިވަރުންނަށް މަސްވެރިކަން ތަޖުރިބާ ކުރުމުގެ ފުރުސަތު މި ދޯނީގެ ވެރިފަރާތުން ހޯއްދަވައި ދެއްވައެވެ.

ބަރުދަނުގެ ގޮތުން އެންމެގިނަ މަސް ގަނެފައިވަނީ: މިފްކޯ

2021 ވަނަ އަހަރު ބަރުދަނުގެ ގޮތުން އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ފަރާތަކަށްދޭ ހަނދާނީ ފިލާ ހާސިލް ކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑެވެ.

ބަރުދަނުގެ ގޮތުން އެންމެގިނަ ބޮޑުކަންނެލި ގަނެފައިވަނީ: ބިގްފިޝް

2021 ވަނަ އަހަރު ބަރުދަނުގެ ގޮތުން އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ފަރާތަށް ދޭ ހަނދާނީ ފިލާ، އަދި ބަރުދަނުގެ ގޮތުން އެންމެ ގިނައިން ފަރުމަސް ގަނެފައިވާ ފަރާތަށް ދޭ ހަނދާނީ ފިލާ ހާސިލްކޮށްފައިވަނީ ބިގް ފިޝް ޕްރައިވެޓް ލިމިޓެޑެވެ.