މަސްވެރިންނަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް، އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައި އިން، ހެޔޮ އަގުގައާއި، ކްރެޑިޓަށް ތެޔޮލިބޭނެ މަގު ވަރަށް އަވަހަށް ހަމަޖައްސައި ދެއްވާނޭޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ. ފަރެސް މާތޮޑާގައި މިރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ރައީސް ވިދާޅުވީ އޭގެ އިތުރުން ވެސް މަސްވެރީންނަށް ދިމާވެފައިވާ ދަތިކަންތައްތައް ވަރަށް އަވަހަށް ޙައްލުކޮށްދެއްވާނޭ ކަމަށެވެ. ރައީސް ވިދާޅުވީ މިއަދު ހަވީރު، ފަރެސްމާތޮޑާ އާއި އަދި ހުވަދު އަތޮޅުގެ މަސްވެރިންނާ އެކު އެމަނިކުފާނު ބޭއްވި ބައްދަލުވުމުގައި މަސްވެރިންވަނީ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައި ކަމަށެވެ. އެގޮތުން މަސްކިރުވުމަށް ހުރި ދަތިތަކާއި، މަސްވެރިން މަސްކިރުވުމަށް ދުރުދަތުރު ކުރަން ޖެހުމުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި، ތެޔޮލިބުމަށް ހުރި ދަތިތައް ފާހަގަކުރިކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރެބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އެއީ ވަގުތީ ހައްލެއް ކަމަށާއި ދާއިމީ ހައްލަކަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް، ކޫއްޑޫގެ ކެޕޭސިޓީ ބޮޑު ކުރުމާއި ތިނަދޫގައި ގާއިމް ކުރާ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖް ގާއިމް ކުރުމުގެ މަސައްކަތާގުޅޭ ގޮތުން ވެސް ރައީސް ވާހަކަ ދެއްކެވިއެވެ. އޭގެ އިތުރުން ފެލިވަރުގެ ކެޕޭސިޓީ މަތިކުރުމާއި، ތ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިޔަށްދާކަަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި އެންމެ ޒުވާން ކެޔޮޅަށާއި، އެންމެގިނައިން މަސްކިރުވި ތިން ދޯންޏަށާއި، އެންމެ ގިނައިން މަސްގަތް ކުންފުނިތަކަށާއި، މަސްވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށާއި، ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި މެރިންސައިންސް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ސްކޫލުތަކަށް ހަނދާނީ ލިޔުމާއި އިނާމް ރައީސް ވަނީ ހަވާލުކޮށް ދެއްވައިފައެވެ. މިޖަލްސާގައި ވަނީ، މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކުގެ ތެރެއިން، ކުރީގެ ފިޝަރީޒް މިނިސްޓަރ ، ހ. މީނާޒް، އަލްމަރްޙޫމާ ޑރ ފާޠިން ޙަމީދުގެ ހަނދާނަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.