އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ހަމަހަމަކަމާއެކު ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިސްވެ އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ހޯދުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ، އެކަމުގެ ލިޔުން މިއަދު ލިބިފައިވާ ކަމަށެވެ.

"އެންމެ ރައްކާތެރި، އެފެކްޓިވް އަދި އަވަހަށް ވެކްސިން ލިބެން އޮތް ގޮތަކީ ކޯވެސް ފެސިލިޓީ މެދުވެރިކޮށް. ރާއްޖެއިން ވެކްސިން ހޯދުމަށް މިފެސިލިޓީއަށް ހުށަހެޅުނު އެޕްލިކޭޝަން މިހާރުވަނީ ބަލައިގަނެފައި،" ނަޒްލާ ވިދާޅުވި އެވެ.

އެގޮތުުން އެ ގުރޫޕްގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެ ވެކްސިން ލިބޭނީ، ބައި ބަޔަށް ބަހާލައިގެންކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންގެ 17 ޕަސެންޓް ޖެހުމަށް ހަމަޖެހިފައިވަނީ 50 އަހަރުން މަތީގެ މީހުންނާއި ކޯވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށެވެ. އަދި ތިން ޕަސެންޓް ވެކްސިން ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.