އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވާދަކުރާގެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ.

ނާޒިމްގެ ފޯމާ ޕާޓީގެ ފަރާތުން ޙަވާލުވެ ވަޑައިގެންނެވީ ސެކްރެޓަރީ ޖެނެރަލް ޝިނާޒް އަޙްމަދެވެ. ފޯމް ހުށަހެޅުއްވުމަށްފަހު ނާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެމްއެންޕީއަކީ ރައްޔިތުންނަށް އޮތް އައު އުންމީދެއް ކަމަށެވެ. އޭގެ އިތުރުން އެއީ ފުރިހަމަ އައު ވިސްނުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު މާދަމާ ހަވާނެއެވެ.

މިދިޔަ ހަފްތާ ތެރޭގައި ބޭއްވި ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ "އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ އުޞޫލު" ގައިވާ ގޮތުން އެކަކަށްވުރެ ގިނަ މީހުން ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައިފިނަމަ އެ ފަރާތްތަކުގެ މެދުގައި ޕްރައިމަރީ ބޭއްވޭނެއެވެ. ނަމަވެސް، ޕްރައިމަރީއަށް ކުރިމަތިލާފައިވަނީ އެކަމަށް ޝަރުޠު ހަމަވާ އެންމެ މީހެއް ނަމަ، ޕްރައިމަރީ އަކާ ނުލައި ޕާޓީގެ ރިޔާސީ ޓިކެޓް އެ ފަރާތަކަށް ލިބޭނެއެވެ. ނާޒިމް ނޫން އިތުރު ބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައެއް ނުވެެއެވެ.

އެމްއެންޕީގެ ޕްރައިމަރީ އޮންނާނީ ޖަނަވަރީ 14 ގައެވެ.